މި އަހަރު ހަތަރު އެއާޕޯޓެއް ހުޅުވަނީ

މި އަހަރުގެ ތެރޭގައި ޑޮމެސްޓިކް ހަތަރު އެއާޕޯޓެއް ހުޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.


ވީޓީވީ "ފަސްމަންޒަރު"ޕްރޮގްރާމްގައި ނަހުލާ ރޭ ވިދާޅުވީ ހއ. ހޯރަފުށި، ށ. ފުނަދޫ، ޅ. މަޑިވަރު އަދި ގދ. މާވާރުލު އެއާޕޯޓް މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރު އެންމެ ފުރަތަމަ ހުޅުވާ ފުނަދޫ އެއާޕޯޓް މި މަހު ހުޅުވާނެ ކަމަށެވެ. މާވާރުލު އެއާޕޯޓް މާޗު މަހު، މަޑިވަރު އެއާޕޯޓް އޭޕްރީލް މަހު އަދި ހޯރަފުށީ އެއާޕޯޓް އޮގަސްޓް މަހު ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ހުޅުވަން ކުރިން މަސައްކަތްކުރި އެއާޕޯޓްތައް ނުހުޅުވި ލަސްވި ސަބަބުތަކާ ބެހޭ ގޮތުން ނަހުލާ ވިދާޅުވީ ކަނޑައަޅާފައިވާ ވަރަށް ވުރެ ލަހުން ކޮންޓްރެކްޓަރުން މަސައްކަތް ކުރުމާއި ތަމްރީނު ވެފައިވާ މީހުން ހޯދުމުގައި ކުރިމަތިވި ގޮންޖެހުންތަކަކީ އެއާޕޯޓްތައް ހުޅުވުމުގައި ލަސްވި ސަބަބުތަކެއް ކަމަށެވެ.

"މަސައްކަތަށް އަންނަ ބަދަލުތަކާއި ހަވާލުކޮށްފައި އޮންނަ ކޮންޓްރެކްޓަރެއް މަސައްކަތް ލަސްވީމާ ނުވަތަ މަސައްކަތް ނުކުރާތީ. އަޅުގަނޑުމެން ކަނޑައަޅާފައި މި އޮންނަނީ މިސާލަކަށް ޑިސެމްބަރުގައި ހުޅުވަން، އެބޭފުޅުންގެ މައްސަލައަކާ ހެދި މަސަައްކަތް އެބަ ލަސްވޭ، އަޅުގަނޑުމެން މި ހުށަހަޅާ ޑޭޓަށް މަސައްކަތް ނުކުރެވިގެން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ޑޮމެސްޓިކް އެ ހަތަރު އެއާޕޯޓް ހުޅުވުމުގެ އިތުރުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭ ތަނަކަށް ހެދުމަށް ޓަކައި އެތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މި އަހަރު ކުރަން ނިންމާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށޭނެ ސީދާ ތާރީހެއް އަދި ނޭނގެ އެވެ.

މި އަހަރު ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެއާޕޯޓްތަކުގެ ތެރެއިން ފުނަދޫ، މާވާރުލު އަދި މަަޑިވަރު އެއާޕޯޓްގެ މަަަސަައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. ހޯރަފުށީ އެއާޕޯޓުގެ މަސަައްކަތް ފެެށީ މިދިޔަ އަހަރު އެވެ.