ޑީއާރްޕީން ވެސް ޓޫރިޒަމް މިނިސްޓަރަށް ތައުރީފް

ރިސޯޓްތަކުގައި ސާވިސް ޗާޖް ދޭ ގޮތާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިނިސްޓަރަށް ތައުރީފްކޮށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ވާހަކަ ދައްކައިފި އެވެ.


އަލީ ވަހީދު ވަނީ ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ރިސޯޓު މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަޑީގައި އޮވެގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ޓީމުން ހިތްހަމަނުޖެހިގެން އުޅެނީ އެ މީހުންނަށް މާލީ ފައިދާ ވާނެ ކަންކަމަށް މަގުފަހިކުރުމަށް މަސައްކަތްކުރަން އޭނާ އެއްބާރުލުން ނުދޭތީ ކަމަށެވެ.

ޑީއާރްޕީން ވަނީ މިނިސްޓަރާ ދެކޮޅަށް ޓީމުން ދައްކަމުން އަންނަ ވާހަކަ އަށް ރައްދުދީ، މިނިސްޓަރަށް ތައުރީފްކޮށްފަ އެވެ. އަދި ޒާތީ ކަންކަމާ ގުޅިގެން މިނިސްޓަރުގެ ނަން ހަޑި ނުކުރަން ވެސް ގޮވާލައިފައިވެ އެވެ.

ޓީމުން ބޭނުންވަނީ ކޮންމެ ރިސޯޓަކުން، އެ މީހުންނަށް ވަކި ވަރަކަށް ފައިސާ ދޭން މަޖުބޫރުވާ ގޮތަށް މިނިސްޓަރުގެ ސިޓީއެއް ފޮނުވަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެއީ ކޮންމެ މުވައްޒަފަކަށް 6.50 ޑޮލަރު (100ރ.) އެވެ.

"މިނިސްޓަރު އަލީ ވަހީދު އަކީ މިފަހުގެ ތާރީހުގައި އެންމެ ބެލަންސްކޮށް ކަންކަން ނިންމަވަމުންދާ ޓޫރިޒަމް މިިނިސްޓަރު ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން. މިނިސްޓަރު ގެންދަވަނީ މުވައްޒަފުންނާއި އިންވެސްޓަރުންގެ މަސްލަހަތު ވެސް ހިމާޔަތްކުރައްވަމުން،" -ޑީއާރްޕީ

އެ ތުހުމަތު ދޮގުކުރަމުން ޓީމް އިން ބުނީ އެ ޖަމިއްޔާއަކީ ޔޫނިއަން އެއް ކަމަށާއި އަދި އެތަން ހިންގަނީ މެމްބަރުންގެ އަތުން ފައިސާ ނަގައިގެން ކަމަށެވެ.

"މިހާރު ވެސް ޓީމް އަށް ޗަންދާ ދައްކާ އެތަށް ރިސޯޓް ވޯކާސް އެއް ތިބޭނެ، އެއްވެސް މެމްބަރަކަށް އޮޅުވާލައިގެން އަދި މަޖުބޫރުން ޗަންދާ ދައްކާކަށް ނުޖެހޭނެ،" ޓުވިޓާ މެދުވެރިކޮށް ޓީމް އިން އިއްޔެ ބުނެފައި ވެ އެވެ.

ޑީއާރްޕީ އިން މިއަދު ކުރި ޓްވީޓެއް

"މިނިސްޓަރު އަލީ ވަހީދަކީ މިފަހުގެ ތާރީހުގައި އެންމެ ބެލަންސްކޮށް ކަންކަން ނިންމަވަމުންދާ ޓޫރިޒަމް މިިނިސްޓަރު ކަމީ ޝައްކެއް އޮތް ކަމެއް ނޫން. މިނިސްޓަރު ގެންދަވަނީ މުވައްޒަފުންނާއި އިންވެސްޓަރުންގެ މަސްލަހަތު ވެސް ހިމާޔަތްކުރައްވަމުން،" ޑީއާރްޕީން ބުންޏެވެ.

ޑީއާރްޕީގެ ރައީސް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަކީ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ވިޔަފާރިވެރި އެކެވެ.

ޓޫރިޒަމް މިނިސްޓަރާއި ރިސޯޓު މުވައްޒަފުންނާ މެދު ނުތަނަވަސްކަން އުފެދުނީ މިދިޔަ ހަފްތާގައި މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރިސޯޓުތަކުން ސާވިސް ޗާޖު ދެމުން އަންނަ މިންވަރާއި އެ ތަންތަނުގައި ތިބޭ ދިވެހި މުވައްޒަފުންގެ މިންވަރު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވުމުންނެވެ.

އެކަމާ ގުޅިގެން ބައެއް މުވައްޒަފުން ރުޅި ގަދަވެ، މިނިސްޓަރުގެ އިސްތިިއުފާ އަށް ވެސް ގޮވި އެވެ. އަދި މަގާމުން އޭނާ ދުރުކޮށްދޭން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިސޯޓްތަކުގެ ބައެއް މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.

ކޯލިޝަންގައި ހިމެނޭ ތިން ޕާޓީއެއްގެ އިސްވެރިން ކަމަށްވާ އެމްޑީޕީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މާމިގިލި މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިނިސްޓަރު އަލީ ވަހީދު ދިފާއު ކުރައްވައިފަ އެވެ.