އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ދެ ބިދޭސީއަކު ހިފަހައްޓައިފި

ސައްހަ ނޫން ލިޔުންތަކެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ދެ ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.


އިމިގްރޭޝަނުން ބުނީ ސައްހަ ނޫން ރެސިޑެންޓް ކާޑުތަކެއް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރަނިކޮށް އަތުލައިގަތީ 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއް ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް، އިމިގްރޭޝަނުން ނުބުނެ އެވެ.

ސައްހަ ނޫން ލިޔުންތައް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް މިދިޔަ އަހަރު ވެސް އިމިގްރޭޝަނުން ހިފެހެއްޓި އެވެ. އޭގެ ތެރޭގައި އެހެން ބައެއްގެ ޕާސްޕޯޓް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކާއި ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ވެސް ހިމެނެ އެވެ.

ބިދޭސީން ގެނައުމުގައި އޮޅުވާލުމުގެ ގޮތުން ސައްހަ ނޫން ލިޔުންތަކެއް އިމިގްރޭޝަނަށް ހުށަހެޅި ކަމަށް ތުހުމަތުކުރެވޭ ކުންފުނިތަކެއްގެ މައްސަލަ އިމިގްރޭޝަނުން ދާދި ފަހުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.