އެކި ދާއިރާތަކުން ރާއްޖެ ކުރިއަރުވަން ތައްޔާރު: ޗައިނާ ސަފީރު

އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަން ޗައިނާއިން ތައްޔާރު ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ޖަންގް ލީޖޮންގް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ރާއްޖެއާ އެކު އެކި ދާއިރާތަކުން މަސައްކަތްކޮށް، އެ ދާއިރާތައް ކުރިއަރުވަން ޗައިނާއިން ތައްޔާރު ކަމަށެވެ. އޭގެ ތެރޭގައި އެކި ރޮނގުތަކުން ދެ ގައުމުގެ ދެމެދުގައި މީހުން ބަދަލު ކުރުން ހިމެނޭ ކަމަށް ވެސް ލީޖޮންގް ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާވާކަން ފާހަގަ ކުރައްވައި އޭނާ ވަނީ އެ ގުޅުމާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާ ސަފީރާ އެކު މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން އުމުރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރި އެކެވެ. އަދި އުމުރާނީ ތަރައްގީއަށް އެ ގައުމުން ދޭ އެހީތެރިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ޗައިނާ ސަފީރާއެކު މި ބައްދަލުވުމުގައި، ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް ދިވެހި ސަރުކާރުން ހަވާލު ކޮށްފައިވާ އެ ގައުމުގެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުޅުމާލޭގައި މަތީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލު ކޮށްފައި ވަނީ ޗައިނާގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޗައިނީސް މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.