ކިންގް ސަލްމާން މިސްކިތް: ބޭރަކުން ނޭނގޭނެ! އެތެރެ ވަރަށް ފުރިހަމަ!

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރި މިސްކިތުގެ ފުރާޅާއި މުންނާރު ހުރި ގޮތަށް، ބައެއް މީހުންގެ ފާޑުކިއުން އަމާޒުވި އެވެ. އެކަމަކު ތަނެއްގެ ރީތިކަން ހަމައެކަނި ބޭރުން ބަލައިގެން ނޭނގިދާނެ އެވެ. އެ ބޮޑު، ފަސް ބުރީގެ މިސްކިތުގެ އެތެރެ ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދެއްކި އިރު، ފެނުނީ ހިތްގައިމު، ތަނަވަސް އަދި ވަސީލަތްތައް ގިނަ، ވަރަށް ތަފާތު މިސްކިތެއްގެ ގޮތުގަ އެވެ.


މިސްކިތުގެ ވައްކޮށް ހަދާފައި ހުރި މިސްކިތުގައި މިހާރު ކުރިއަށް ދަނީ ތަން ސާފުކުރުމާއި އެންމެ ފަހުގެ ކުދިކުދި މަސައްކަތްތަކެވެ. މިސްކިތަށް ހާއްސަ ބައިގައި ދޫލަ އަޅައި، ބޮކިތައް ހަރުކޮށް ވަނީ ނިންމައިފަ އެވެ.

ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރަން ހާއްސަ ބައިިގެ ދޫލަ ސާފުކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެންމެ އިސްކަން ދިން މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މި މިސްކިތުގައި ނަމާދު ކުރަން ހާއްސަކޮށްފައި ވަނީ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް، ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މުޅި މިސްކިތުގައި ބޮޑެތި ބިއްލޫރި ދޮރުތައް ހުރުމުން، ބޭރު ވަރަށް ރީއްޗަށް ފެނެ އެވެ. ދޮރުތަކުގެ ދެމެދުގައި ހިމެނޭ ފާރުތައް ރީތިކޮށްފައި ވަނީ ރަން ކުލައަކަށް ދާ މާބުލް ޖަހައިގެންނެވެ.

މިސްކިތުގެ އެކި ހިސާބުތަކުގައި ހަރުކޮށްފައިވާ ގުރުއާންގެ އާޔަތްތައް، ކަނޑާ ނަގާފައި ވަނީ، އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުގައި ހުންނަ ގޮތަށް، ލަކުޑިއަކު ނޫނެވެ. އޭގެ ބަދަލުގައި އާޔަތްތައް ކަނޑާ ނަގާފައި ވަނީ ވެސް މާބުލްތަކުގަ އެވެ.

މިސްކިތުގެ ލައިޓްތަކުން ނުކުންނަ މަޑުމަޑު ރަން އަލިން ވަރަށް ބޮޑު ހިތްގައިމުކަމެއް ފަތުރާލަ ދެ އެވެ. އެއީ މިހާތަނަށް ރާއްޖޭގެ މިސްކިތަކުން އެހާ ބޮޑަށް ފެނުނު މަންޒަރެއް ނޫނެވެ.

މިސްކިތުގެ އެންމެ ތިރީގައި ވަނީ ފާހާނާތަކާއި ވުލޫކުރަން އިސްކުރު ބަރިތަކެވެ. އެ ދެ ބައި ހުރީ ދެ ޖިންސުގެ މީހުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށެވެ.

އޭސީކޮށްފައިވާ މިސްކިތުގައި ތިން ލިފްޓާއި ހަތަރު ސިޑި ހިމެނެ އެވެ.

ކިންގް ސަލްމާން މިސްކިތުގެ އެންމެ ތިރި: މި ތަނުގައި ހިމެނެނީ ފާހާނާތަކާއި ފުލޫކުރާ ބައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ވަރަށް ފުރިހަމަ އޮޑިޓޯރިއަމްއެއް

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތުރުކީގެ ޓާމެކްސް ކުންފުނިން ހަދާފައިވާ މިސްކިތުގެ ތިން ވަނަ ބުރީގެ އެއް ބަ އާއި ހަތަރު ވަނަ ބުރި އެއްކޮށްލައިގެން ހަދާފައިވާ އޮޑިޓޯރިއަމް ވެސް ވަރަށް ރީއްޗެވެ. ޖުމްލަ 350 ގޮނޑި ޖަހާފައިވާ މި ތަނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އޮޑިޓޯރިއަމެވެ.

އޮޑިޓޯރިއަމަށް ވަންނަ ތަނުގައި ފުދޭވަރެއްގެ ބޮޑު ލޮބީ އޭރިޔާއެއް ހިމެނެ އެވެ. އެއީ ސައި ފަދަ އިންތިޒާމްތައް ހަމަޖެއްސޭ ގޮތަށް ދީފައި އޮތް ޖާގައެކެވެ.

ފަސް ވަނަ ބުރީގައި ހަދާފައި ވަނީ އެކި އިވެންޓްތައް ބޭއްވޭ ކަހަލަ ހޯލެކެވެ.

ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމް: މިތަނުގައި 350 މީހުންގެ ޖާގަ އޮވޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ އެސިސްޓެންޓް އިންޖީނިއަރު ހަސަން ސާމީ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން މިސްކިތުގެ ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށެވެ.

ނަމަވެސް މިސްކިތް ހުޅުވާނެ ދުވަހަކާއި އެ މިސްކިތުގެ އެހެން ވަސީލަތްތައް ބޭނުން ކުރާނެ ގޮތް ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.