ނަސްރުﷲ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ނަގައިފި

ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ނަސްރުﷲ އަބްދުﷲ އިން ޑިންގީ ކަނޑު އަޑިން މިއަދު ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.


އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ޑިންގީ ނެގީ ބ.ދޮންފަނުގެ ހުޅަނގުން ބައި މޭލު ބޭރުން ކަނޑުގެ 46 މީޓަރު އަޑިން ކަމަށެވެ. ޑިންގީގެ ބައިތައް ސިފައިން އިއްޔެ ހޯދި ނަމަވެސް ނަސްރުﷲ އަދި ވެސް ނުފެނެ އެވެ.

ނަސްރުﷲ ގެއްލުނު އެކްސިޑެންޓް ހިނގީ އޭނާގެ އަންހެނުންގެ ކޮށްކޮއަކާއި ބޭބެއަކާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިދިޔަ ހުކުރުވިލޭރޭގެ ވަގުތެއްގަ އެވެ. އޭނާ ހޯދަން ސިފައިންގެ ޑައިވަރުން ކުރި މަސައްކަތުން ޑިންގީގެ ބައިތައް ފެނުނީ އިއްޔެ އެވެ. ފެނުނު ބައިތަކުގެ ތެރެއިން ޑިންގީގެ އިންޖީނުގެ ކަވަރުފަޅިއެއް އިއްޔެ ވަނީ ނަގައިފަ އެވެ.

ނަސްރުﷲ އަބްދުﷲ

ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އެކްސިޑެންޓުވީ ކަމަދޫން އޭދަފުއްޓަށް ދަތުރުކުރި، އޭދަފުށީ ސޭލަމް ލޯންޗު ޖެހިގެންނެވެ.

ކްސިޑެންޓުވި ލޯންޗުގެ ކެޕްޓަން އޭދަފުށީ ޝަބްނަމްގޭ މުހައްމަދު މުސްތަފާ އަށް ވެސް ވަރަށް ބޮޑަށް އަނިޔާވެ އައިޖީއެމްއެޗުގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ލޮލުގެ ތިރިން މޫނުގެ ކަށިތައް ވަނީ ބިނދިފަ އެވެ. އެހެންވެ، މުސްތަފާގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އޭނާގެ އާއިލާ އިން ބުނެފައިވެ އެވެ.

މުސްތަފާގެ އިތުރުން، ލޯންޗުގައި އިން ބަންގްލަދޭޝްގެ ފަޅުވެރިޔާގެ ވާތު ކަންފަތުން ބައެއް ވަކިވި އެވެ. އޭނާގެ ކަންފަތުގެ އެ ބައި ވަނީ ފަހައިފަ އެވެ.

ޑިންގީގައި ތިބި ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވެގެން ދަރަވަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނެވެ.

ކުޑަ ދެ އަންހެން ކުދިންގެ ބައްޕަ ނަސްރުﷲ އުޅެނީ ދަރަވަންދޫ މީހަކާ އިނދެގެންނެވެ. މާލޭގެ ބްރައިޓް ބްރަދާސްގައި ވަޒީފާ އަދާކުރާ ނަސްރުﷲ ރަށަށް ގޮސް އުޅުނީ މި ފަހަރުގެ ބޮޑު ޗުއްޓީ އަށެވެ.