އޯއައިސީގެ ބައްދަލުވުމެއްގައި ޝަހީމް ގުރުއާން ކިޔަވާ ވިދާޅުވެއްޖެ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޖަލްސާއެއްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުރަތަމަ ފަހަރަށް އިއްޔެ ގުރުއާން ވިދާޅުވެއްޖެ އެވެ.


އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުސައިމީން އެވެ. ޝަހީމަކީ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެވެ. އަދި އެ ޖަމާއަތުގެ ފިކުރީ ގޮފީގެ ވެރިޔަކީ ވެސް ޝަހީމެވެ.

ފަލަސްތީނުގެ ގުދުސްގެ މައްސަލައިގައި، އޯއައިސީގެ ގައުމުތަކުގެ ދާއިމީ މަންދޫބުން ބޭއްވި ޖަލްސާގައި ޤުރުއާން ކިޔަވާ ވިދާޅުވި ވީޑިއޯ ޝަހީމް ވަނީ ފޭސްބުކުގައި ޝެއާ ކުރައްވައިފަ އެވެ. ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯ އަށް ތައުރީފްކޮށް ކޮމެންޓްތައް ކުރަމުންނެވެ.

ސްކޫލް ދައުރުން ފެށިގެން ޖަލްސާތަކުގައި ޤުރުއާން ކިޔަވައި ވިދާޅުވާ ޝަހީމަކީ ކީރިތި ގުރުއާން ހިތުދަސް ބޭފުޅެކެވެ. ގިނަ މުބާރާތްތަކެއްގައި ވާދަކުރައްވައި ރަން ވަނަ ތަކެއް ވަނީ ހޯއްދަވައިފަ އެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ދީނީ އިލްމުވެރިޔާ ޝަހީމަކީ ރާއްޖޭގައި ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެއްވޭ އެއް ބޭފުޅާ އެވެ. އޭނާ އަކީ ރާއްޖޭގައި އުޅުއްވިއިރު، އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރައްވައި އަދި ރީތިކޮށް ހުތުބާ ވެސް ވިދާޅުވާ ބޭފުޅެކެވެ.

އިސްލާމް ދީނާ ގުޅޭ ކަންކަމުގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮން ޓޮލަރެންސް ޕްރޮޖެކްޓުގެ ވެރިއަކަށް ވެސް ޝަހީމް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ހަމަޖައްސަވައިފަ އެވެ.

ސަވްތު އަލް ހިކްމަ އިންސްޓިޓިއުޓުން ބުނެފައިވާ ގޮތުގައި، މި ޕްރޮޖެކްޓުގެ މަގްސަދަކީ ކެތްތެރިކަމާއި ސުލްހަވެރިކަމާ ގުޅޭގޮތުން އިސްލާމް ދީނުގެ އަސްލު މީހުންނަށް އަންގައިދިނުމެވެ. ޑިޖިޓަލްކޮށާއި ފޮތެއްގެ ގޮތުގައި ނެރޭ މި އެންސައިކްލޮޕީޑިއާގައި ސުލްހަވެރިކަމާއި އޯގާތެރިކަމާ ގުޅޭގޮތުން ކީރިތި ގުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ހަދީސްފުޅުތައް ހިމެނެ އެވެ. އަދި އިސްލާމް ދީނުގެ މުހިއްމުކަމާއި އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް މި ޒަމާނާ ގުޅޭގޮތުން ރައްދުދީ މައުލޫމާތު ހިމަނާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައި ވެ އެވެ.