ބަންދުގައި މީހުން ބޭތިއްބުމާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު 400 މިލިއަން ރުފިޔާ!

ބަންދުގައި މީހުން ބޭތިއްބުމާއި އެ ފަދަ މީހުން ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު އެކަނި ވެސް 400 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.


ފުލުހުންގެ 31 ވަނަ ތަމްރީނު ކޯހުން ދަސްވެނިވި މީހުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ދ. ވާނީގައި ބޭއްވި ޖަލްސާގައި އަމީރު ވިދާޅުވީ، މިދިޔަ އަހަރު ހިންގާފައިވާ، ފައިސާއާ ގުޅުން ހުރި ކުށްތައް ގިނަ ކަމަށެވެ. އެގޮތުން، ވައްކަމާއި ޗެކް ބައުންސް ވުމާއި ފޭރުމާއި ފޯޖަރީގެ އިތުރުން، ޓްރެފިކް ގަވައިދާ ހިލާފުވުމާއި މަސްތުވާތަކެއްޗާއި ގެވެށި އަނިޔާގެ 13،800 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަނގަޅު ދިރާސާއެއް ކޮށްފި ނަމަ، އެ ކުށްތަކުގެ އިގްތިސޯދީ ގެއްލުން 100 މިލިއަން ރުފިޔާ އިން ގުނޭނެ އެވެ.

ފުލުހުންގެ 31 ވަނަ ތަމްރީނު ކޯހުން ދަސްވެނިވި މީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރި ޓުވީޓް

"މިއީ ރާއްޖެ ކަހަލަ ކުޑަ، ވަސީލަތްތައް މަދު ގައުމަކަށް ނެގޭނެ ބުރައެއް ނޫން،" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަމީރު ވިދާޅުވި އެވެ.

"ފުލުހުންގެ ރޯލް މުހިއްމު ވަނީ މި ކަންކަން ހޯދުމުގެ އިތުރުން ހުއްޓުވޭނެ ގޮތެއް ވެސް ބެލުމަށް."

ފުލުހުންގެ 31 ވަނަ ތަމްރީނު ކޯހުން ދަސްވެނިވި ފުލުހަކަށް ޕޮލިސް ކޮމިޝަނަރު ހަމީދު އިނާމު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުޅި އެކު، 91 ފުލުހަކު ތަމްރީނުވެ، ސެޓްފިކެޓް ހަވާލުކުރި އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ އަމާން ގައުމެއްގެ ގޮތުގައި ރާއްޖެ، ދިވެހިންނަށާއި ބޭރު މީހުންނަށް ދައްކައި ދެވޭނީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު ކުރިއަރުވަން ބޭނުންވާ އެންމެ މުހިއްމު އެއް ބަހާ އަކީ، އެހެން މީހުންނަށް އެތަނުގެ ރައްކާތެރިކަން ދައްކައިދިނުން ކަމަށް ވިދާޅުވި އެވެ.

ދިރާސާތަކަށް ރިއާޔަތްކޮށް އަމީރު ވިދާޅުވި ގޮތުގައި، ރާވައިގެން ހިންގާ ކުށްތަކާއި ކޮރަޕްޝަނަކީ ގައުމުގެ އިގްތިސާދަށް ހުރަސް އަޅާ އެންމެ ބޮޑު ކަންތައް ތަކެވެ. އެހެންވެ، އެކަންކަން ހުއްޓުވުމަށް ފުލުހުންގެ ދައުރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ 31 ވަނަ ތަމްރީނު ކޯހުން ދަސްވެނިވި ފުލުހުން، ފިނޭންސް މިނިސްޓަރު އަމީރާއި ސީޕީ ހަމީދާ އެކު ގުރޫޕް ފޮޓޯއެއް ނަގަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަމީރު ވިދާޅުވީ، ރަނގަޅު އިގްތިސާދެއް ގާއިމް ކުރެވޭނީ އިޖްތިމާއީ ހަމަހަމަކަމާއި ޒިންމާދާރު އަދި ޑިމޮކްރެޓިކް ހަރަކާތްތައް ހިންގުމާ އެކު ގާނޫނުތައް ނަގަހައްޓައިގެން ކަމަށެވެ.

"ރިސާޗުން ދައްކާ ގޮތުން ރޫލް އޮފް ލޯ ވަރަށް ބޮޑަށް އޮންނަ ގައުމުތަކާއި ވަރަށް ދަށް ގައުމުތަކުގެ އިގްތިސާދު ކުރިއެރުމުގައި ތިން ޕަސެންޓްގެ ތަފާތު ހުރޭ،" އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވަނީ ތަމްރީނުން ދަސްވި އެއްޗެހީގެ ބޭނުން ހިފައި، ފުލުހުންގެ ވާޖިބު އެންމެ ފުރިހަމަ އަށް އަދާކުރުމަށް އެދިވަޑައިގެންފަ އެވެ.