ރަސްގެފާނާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން ސައުދީ އަށް

ސައުދީ އަރަބިއްޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން މިއަދު ފުރާވަޑައިގެންފި އެވެ.


ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރައީސްގެ މި ދަތުރުފުޅުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދާއި އެ ގައުމުގެ ސީނިއާ މިނިސްޓަރުންނާ ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުުކުރެއްވުންތަކުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި އުމްރާނީ ތަރައްގީ އާއި ރާއްޖެ އާއި ސައުދީ އަށް ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިތުރުން، ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްއާ ބެހޭ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަސީރާއި ސައުދީ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު ބައިވެރިވެވަޑައިގަންނަވަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރައީސް ދަތުރުފުޅުކުރައްވަނީ ސައުދީ ރަސްގެފާނު ފޮނުއްވި ހާއްސަ ބޮއިން 737 މަތިންދާބޯޓެއްގަ އެވެ. ބައެއް ގައުމުތަކުން ރައީސްގެ ރަސްމީ ދަތުރުފުޅުތަކަށް މި ގޮތަށް ބޯޓު ފޮނުވަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ ހިމެނެ އެވެ.

ރާއްޖެ އާއި ސައުދީން ވަނީ މި ފަހުން ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ. ސައުދީން ރާއްޖެ އަށް ގިނަ އެހީތަކެއް ވެދެމުން އަންނައިރު، ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ސައުދީން ވަނީ ލޯނު ވެސް ދީފަ އެވެ. އެ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް ކުރަނީ ވެސް ސައުދީގެ ބިން ލާދިން ކުންފުނިންނެވެ.