އަލްހާން އެމްޑީޕީން ވަކިކުރުމަށް ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ހުށަހަޅައިިފި

އެމްޑީޕީގެ މަސްލަހަތަށާއި ޕާޓީއަށް ގެއްލުން ލިބޭ ގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެ ޕާޓީން އަލްހާން ފަހުމީ ވަކިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުން ސޮއިކޮށް ހުށަހަޅައިފި އެވެ.


އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ސޮއިކުރައްވައި އަލްހާނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ދައުލަތުގެ މީޑިއާގައި ޕާޓީއަށް ގެއްލުން ދިނުމަށް ތަކުރާރުކޮށް ވާހަކަ ދެއްކެވުމާއި މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރެއްވުމާއި މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ އޮފީހަށް ވަންނަވައި އެތަނުގެ ތެރޭގައި ހަމަނުޖެހުން ފަދަ ކަންތައް ހިންގާފައިވާތީ، އަލްހާން އެމްޑީޕީން ވަކިކުރުމަށް އެދި ގައުމީ މަޖިލިހުގެ މެމްބަރުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީ އޮފީހަށް ހާޒިރުވެވަޑައިގެން ނޫނީ ލިޔުމަކު ޖަވާބުދާރީވުމަށް އަލްހާނަށް، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަންގަވައިފަ އެވެ.

"..އެގޮތުން އަސާސީ ގަވައިދާ ހިލާފަށް އަލްހާން ކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ބައިވެރިވެފައިވާ އެމްޔޫއޯ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، އެމްޔޫއޯއާ އިދިކޮޅަށް މަސަކަތްކުރައްވައި ޕާޓީގެ މަސްލަހަތު ގެއްލުވާލުމުގެ އަމަލުތަކާއި ޕާޓީގެ މަސްލަހަތާއި އެއްގޮަތަށް ޕާޓީގެ ގުނަވަންތަކުން ނިންމައިގެން ޕާޓިން ކުރަމުންގެންދާ މަސައްކަތްތައް ހިމެނެ އެވެ،" ސިޓީގައިވެ އެވެ.

މި ސިޓީއާ ގުޅިގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެގެން، އޭނާއަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ޖާގަ ނުދިނުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސ. ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލްހާނަށް ނާކާމިޔާބުވެފައި ވަނިކޮށް، އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރެއްވި މައްސަލާގައި އޭނާއަށް ވަނީ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަކުރުން ދޮޅު އަހަރަށް މަނާކޮށްފަ އެވެ.