އާންޓީ އަށް ނޭނގި ކުއްޖާ ތިން ވަނަ ބުރީގައި ރޯން! މައްސަލަ ބޮޑުވެ ޕޮލިހަށް

މާފަންނު މަދަރުސާގެ ޕްރީ ސްކޫލްގެ ކުއްޖަކު އެ ސްކޫލްގެ ތިން ވަނަ ބެލްކަނީގައި އެކަނި ރޯން ހުރި މައްސަލައެއް ބޮޑުވެ އެކަން އާއިލާގެ ފަރާތުން ޕޮލިހަށް ހުށަހަޅައިފި އެވެ.


ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ކުޑަ އަންހެން ކުއްޖާ އެކަނި ރޯން ހުރި އިރު ކައިރީ އެއްވެސް ޓީޗަރެއް އަދި ކުއްޖަކު ވެސް ނެތެވެ. ގިނަ އިރުތަކެއް ވަންދެން އެ ކުއްޖާ ހުރީ ބެލްކަނީގެ ދަގަނޑުތަކުގައި ހިފަހައްޓައިގެންނެވެ. އެ ކުއްޖާ އެ ތަނުގައި ހުރިކަން ސްކޫލަށް އެނގުނީ މަގުމަތިން ދިޔަ ބަޔަކަށް އެތަން ފެނިގެން އެންގުމުން ކުރުމުންނެވެ.

އުމުރުން 19 މަހުގެ އެ ކުއްޖާ ބޭބީ ނާސަރީއަށް ދިޔަ ފުރަތަމަ ދުވަހަކީ ވެސް އިއްޔެ އެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުނީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ބޭނުންވާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

"ދައުވާ ކުރާ ގޮތަކަށް ނޫން އެދުނީ. އެފަދަ އެހެން ކަމެއް ހިނގަން ބޭނުން ނުވާތީ އެ މައްސަލަ ބަލައިދޭން އެދުނީ،" އޭނާ ބުންޏެވެ.

އާއިލާ އިން ވަނީ، އޭނާ ބުނި ގޮތުގައި، އެޑިއުކޭޝަން މިނިސްޓަރު އައިިޝަތު އަލީއާ ވެސް ބައްދަލުކޮށްފަ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އޭނާ ބުންޏެވެ.

ބޭބީ ނާސަރީގެ ކްލާސްތައް ހުންނަނީ އެންމެ ތިރީގަ އެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ކުއްޖާ މައްޗަށް އެރީ ކުޅެ ނިންމާފައި އަތް ދޮންނަން ސިންކް ކައިރިއަށް ކުދިން ނެރުނު ވަގުތު އެވެ. ކުއްޖާ މައްޗަށް އަރައިގެން ދިޔަ ކަން އާންޓީއަށް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އެކަނިމާއެކަނި ސިޑިން އަރައިގެން ތިން ވަނަ ބުރިއަށް ކުއްޖާ ދިޔަ ސަބަބެއް އާއިލާއަކަށް ވެސް ނޭނގެ އެވެ. އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ އެއީ ގޭގައި ވެސް ކުއްޖާ ސިޑިން އަރާނޫޅޭ ކަމަށެވެ. އަދި އެއީ ހަލަނިކޮށް އުޅޭ ކުއްޖެއް ވެސް ނޫން ކަމަށް ބުންޏެވެ.

ބެލްކަނީގައި ކުއްޖާ ރޯން ހުރީ ކިހާ އިރެއް ވަންދެންކަމެއް ނޭނގެ އެވެ. އެކަމަކު އެހާ ގިނަ އިރު ނުވާނެ ކަމަށް، އާންޓީއާ ހަވާލާދީ އާއިލާ އިން ބުނެ އެވެ.