ގްރޫޕަކުން އަނިޔާކުރީ 19 އަހަރުގެ ޒުވާނަކަށް؛ ދެ މީހަކު ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު މާލޭގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް، ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


އެ މާރާމާރީގެ ވީޑިއޯއެއް މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި އާންމު ވި އެވެ. އޭގައި ފެންނަނީ ފިރިހެނަކަށް ހަމަލާދީ މަގުމައްޗަށް ވައްޓާލައި ބޮޑު ގްރޫޕެއް އޭނާގެ ވަށައިގެން ތިބެ އަތާއި ކޮޅުފައިން ތަޅައި އަނިޔާކުރަނިކޮށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. ބާވީސް އަހަރުގެ ޒުވާނާ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނެއް މީހާ ހައްޔަރު ކޮށްފައި ވަނީ އާދިއްތަ ދުވަހު އެވެ. އެ މީހާގެ ބަންދަށް 12 ދުވަސް ވަނީ ދީފަ އެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، ބުރާސްފަތި ދުވަހުގެ މެންދަމު 12:30 ކަން ހާ އިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯން ކައިރީ ހިންގި މާރާމާރީއެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެތަނަށް ދިޔައިރު މާރާމާރީ ހިންގި މީހުން އެތަނުން ގޮސްފައިވާ ކަމަށެވެ.