ކުޅުދުއްފުށީ ފެން ފެކްޓަރީން ފަސް މަސް ފަހުން އަލުން މަސައްކަތް ފަށައިފި

ތާޒާ ފެން ބަންދުކުރުމަށް ހދ. ކުޅުދުއްފުށީގައި ހަދާފައި ހުންނަ ފެން ފެކްޓަރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ ފަސް މަސް ފަހުން މިއަދު މަސައްކަތް ފަށާފައިވާ ކަމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބުނެފި އެވެ.


ދެހާސް އަށާރަ ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި އެ ފެކްޓްރީ އަކީ އުތުރުގެ ރަށްތަކަށް ބޭނުންވާ ފެން ބަންދުކުރާ މައި މަރުކަޒެވެ. ނަމަވެސް ބައެއް މެޝިންތަކަށް ދިމާވި މައްސަލަތަކާ ހެދި މިދިޔަ އޮގަސްޓް މަހުން ފެށިގެން މަސައްކަތް އޮތީ ހުއްޓިފަ އެވެ.

އެމްޑަބްލިއުއެސްސީގެ ސަބްސިޑިއަރީ ކުންފުނި، އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް އަންވަރު، "މިހާރު" އަށް ވިދާޅުވީ މިއަދު ފެން ބަންދު ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ހުރިހާ މެޝިނަކަށް ދިމާވި މައްސަލަތައް ހައްލު ނުކުރެވޭ ކަމަށެވެ.

"މުޅިއަކުން ހައްލު ވީއެއް ނޫން. ހަފުތާއެއްހާ ދުވަހު ބަލާފައި އެނގޭނީ ފެން އުފެއްދޭ ވަރެއް،" އަންވަރު ވިދާޅުވި އެވެ.

މައްސަލަ ޖެހުނީ އެ ފެކްޓަރީގެ ރެޕިން މެޝިނަކާއި ލޭބަލްކުރާ މެޝިނެއްގެ އިތުރުން އިތުރު ދެ މެޝިނަކަށެވެ.

މެޝިންތަކަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ބޭރުގެ އިންޖީނިއަރުންނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.

އެ ފެކްޓަރީގައި ބަންދުކުރަނީ 330 އެމްއެލް އާއި 500 އެމްއެލްގެ އިތުރުން 1.5 ލީޓަރުގެ ފެންފުޅި އެވެ. އެ ފެކްޓަރީން ގަޑިއަކު 10،000 ފުޅި އުފައްދަ އެވެ.