މުލަކު ވަޑާންގެއެއްގައި މީހަކު ޒަހަމްތަކަކާ އެކު މަރުވެފައި

މ. މުލަކުގެ ވަޑާންގެއެއްގައި މަސައްކަތް ކުރާ މީހަކު ޒަހަމްތަކާ އެކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.


އެ ވަޑާންގެއިން ފެނިފައި ވަނީ އެ ރަށު ލިލީވިލާ ގޭގެ 44 އަހަރުގެ މުހައްމަދު އަބްދުއްރަހްމާނެވެ. ފުލުހުން ބުނީ އެ ވަޑާންގޭގައި މުހައްމަދު ވެއްޓިފައި އޮއްވާ ފެނުނީ މިއަދު ފަތިހު ފަހެއް ޖަހަނިކޮށް ކަމަށާއި ފުލުހުން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މުހައްމަދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް އެތަނުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ މޭމަތިން ނުވަ އިންޗިއެއްހާ ތަން ފުންކޮށް ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި މުހައްމަދު އޮތްތަނާ ކައިރީގައި ކަރަންޓު ކީހެއް ޖައްސާފައި ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ރަށުގެ ކައުންސިލް މެމްބަރު އަޝްރަފު ޖަމްޝީދު "މިހާރު" އަށް ވިދާޅުވީ މުހައްމަދު މަސައްކަތް ކުރަނީ އޭނާގެ ތިމާގެ މީހެއްގެ ވަޑާންގޭގައި ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ހަވީރު ފަހެއް ޖަހާކަން ހާ އިރު އާންމުކޮށް ނިންމާލާ ކަމަށާއި ރޭ 10:30 ހާއިރު އެތަން ބަންދު ކުރި އިރު، އެތަނުގައި މުހައްމަދު ނެތް ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު މިއަދުގެ މެންދުރު ނަމާދަށް ފަހު މުހައްމަދު ވަނީ ވަޅުލާފަ އެވެ.