އިތުރު ދާއިރާތަކުން ވެސް މި އަހަރު ޗައިނާއިން ރާއްޖެ އަށް އެހީވާނެ: ސަފީރު

ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުން ވެސް މި އަހަރު ޗައިނާ އިން ރާއްޖެ އަށް އެހީތެރިކަން ދޭނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިއޮން މިއަދު ވިދާޅުވެއްޖެ އެވެ.


ޗައިނާ ސަރުކާރުން ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރި ލޮލުގެ ފަރުވާ ދޭ ސެންޓަރު އިއްޔެ ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ. އަދި ޗައިނާގެ މާހިރުންގެ ބެލުމުގެ ދަށުން އެތަނުގެ މުވައްޒަފުންނަށް ތަމްރީނު ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ސަފީރު ލިއޮން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ޗައިނާ އިން ރާއްޖެއަށް އެހީވުމުގައި މިއަހަރަކީ ވެސް މުހިންމު އަހަރަކަށް ވެގެންދާނެ ކަމަށާއި ސިއްހީ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާ އާއި ދަނޑުވެރިކަމާއި ބަހުގެ ދާއިރާ އިން ޗައިނާ އިން ރާއްޖެ އަށް އެހީތެރިވާނެ ކަމަށެވެ. އެކަންކަން ފަހިކޮށް ދިނުމަށް ޗައިނާއަށް ފުރުސަތު ދޭން އެދިވަޑައިގަންނަވާ ކަމަށާއި އަދި މިހާތަނަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ލިއޮންގެ ޓްވީޓްގައިވެ އެވެ.

ޗައިނާ ސަފީރުގެ ޓްވީޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އެންމެ ބޮޑަށް ގުޅުން ބަދަހިކުރި އެއް ގައުމަކީ ޗައިނާ އެވެ. ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ އިތުރުން ވެސް ބޮޑެތި އެތައް މަޝްރޫއުއެއް ހިންގީ ޗައިނާ ސަރުކާރުގެ ލޯނު އެހީ އާއި ހިލޭ އެހީގެ ދަށުންނެވެ.

މި ސަރުކާރުން ވެސް ބުނެފައިވަނީ ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ރާއްޖެއަށް ތަރައްގީ ގެނައުމަށް އެ ގައުމުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި އެއްވެސް ގައުމަކާ ގުޅުން ކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.