ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހާ 10،800ރ. އިން ޖޫރިމަނާކޮށްފި

ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހާ 10،800ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.


މާޗް، 2017 ގައި ރައީސް އޮފީހުގެ އަމީރު އަހުމަދު މަގާ ވީ ދިމާލުން ބިއްލޫރިގަނޑެއް ގަލަކުން ޖަހައި، ތަޅާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހއ. ދިއްދޫ ހަވީރީފިނި، އަހުމަދު ސިރާޖްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.

މިދިޔަ އާދިއްތަ ދުވަހު ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާ އަށް އޭނާ ކޯޓުގައި އިއުތިރާފްވެފައިވާ ކަމަށާއި އަދި ލިބުނު ގެއްލުމުގެ ބަދަލު ދޭނެ ކަމަށް ބުނެފައިވުމުގެ އިތުރުން އެއީ އޭނާގެ މައްޗަށް ކުށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ އެ ކުށުގެ އަދަބު ޖޫރިމަނާ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ ކުށަށް ގާނޫނުގައި އޮންނަ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލު ކުރުމުން އަންނަ 10،800ރ. އިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ ދެ މަސް ތެރޭގައި ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.