ހޮޅި ވަޅުލައި ނިމުނަސް ހުޅުމާލޭ ބީޗް ސަރަހައްދުން ކެފޭ/ރެސްޓޯރަންޓަކަށް ފުރުސަތެއް ނެތް

ފެން ހޮޅި ވަޅުލައި ނިމުނަސް ހުޅުމާލޭ ބީޗް ސަރަހައްދުން ކެފޭ/ރެސްޓޯރަންޓަކަށް ފުރުސަތެއް ނޯންނާނެ ކަމަށާއި އެތަން ތަރައްގީކުރާނީ އާންމުން ހިތްހަމަޖައްސައިލަން މަޑުކޮށްލާ ތަނެއްގެ ގޮތުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.


ހުޅުމާލޭގެ ބީޗް ސަރަހައްދުގައި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ވަރަށް ފުޅާ ދާއިރާއެއްގައި ކެފޭ/ރެސްޓޯރަންޓް، އެއްވެސް ކުއްޔެއް ނެތި، އައީ ހިންގަމުންނެވެ. ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފެނުގެ ޚިދުމަތް ދޭން ގެންދާ ފެން ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމާ އެކު އެޗްޑީސީގެ އެންގުމަށް ކެފޭ/ރެސްޓޯރަންޓުތައް ބަންދުކޮށް، ސަރަހައްދު ވަނީ ސާފުކޮށްފަ އެވެ.

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހިންގި ކެފޭ/ރެސްޓޯރަންޓުތައް ބަންދު ކުރުމާ އެކު، އެއީ އާއިލާތަކުން ހިތްހަމަޖައްސައިލަން ދާ ތަނަކަށް މިހާރު ވެސް އެ ތަން ވަނީ ބަދަލުވެފައި.---ފޮޓޯ: މިހާރު

"މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން، ބީޗް ސަރަހައްދާ މެދު ދެން އަމަލު ކުރާނެ ގޮތަކާ މެދު ސުވާލު ކުރުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެ ތަނުގައި ކެފޭ/ރެސްޓޯރަންޓުތައް ހިންގަން އެތން ދެން ދޫނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި މީހުންނަށް އިށީނދެވޭ ގޮތަށް ބެންޗުތައް ހަދައި ހިނގާ ޓްރެކެއް ވެސް އަޅާ ގޮތަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެކަމަށް މިހާރު ވަނީ ބަޖެޓު ވެސް އެކުލަވާލާފައި ކަމަަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ އެމްޑީ ސުހައިލް އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.

ހިނގާ ޓްރެކް އަޅަނީ ބީޗް ސަރަހައްދުގެ އެއްކޮޅުން އަނެއް ކޮޅަށެވެ.

"އެ ސަރަހައްދުގައި ބެންޗު ޖަހާފައި، އަލިކޮށްފައި އެއީ ޕަބްލިކް އޭރިއާއަކަށް އަޅުގަނޑުމެން މި ބަދަލު ކުރަނީ. މިސާލަކަށް އެ ސަރަހައްދުގެ ގެސްޓް ހައުސްއެއްގެ ރެސްޓޯރަންޓަކުން އެއްޗެއް ގަނެގެން ގޮސް ކާލަން ނުވަތަ ގޭ މީހުން ޕިކްނިކަށް ދެވޭ ގޮތަށް. ]ހަދަނީ]،" ސުހައިލް ވިދާޅުވި އެވެ.

"އެ ސަރަހައްދުގައި ބެންޗު ޖަހާފައި، އަލިކޮށްފައި އެއީ ޕަބްލިކް އޭރިއާ އަކަށް އަޅުގަނޑުމެން މި ބަދަލު ކުރަނީ. މިސާލަކަށް އެ ސަރަހައްދުގެ ގެސްޓް ހައުސްއެއްގެ ރެސްޓޯރަންޓަކުން އެއްޗެއް ގަނެގެން ގޮސް ކާލަން ނުވަތަ ގޭ މީހުން ޕިކްނިކަށް ދެވޭ ގޮތަށް. ]ހަދަނީ]،" ސުހައިލް

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުރި ކެފޭ/ރެސްޓޯރަންޓުތައް ހުސްކުރުމުން މިހާރު ވެސް އެއީ އާއިލާތަކުން ހިތްހަމަޖައްސާލަން ދާ ތަނަކަށް ވަނީ ބަދަލުވެފަ އެވެ. އަދި އެޗްޑީސީން އެ ސަރަހައްދު ސާފުކޮށް ބަލަހައްޓަ އެވެ.