މަހުލޫފް މިނިވަން ކުރަން އިއްތިހާދުން ސަރުކާރަށް ހުށަހަޅަނީ

ދެ މައްސަލައެއްގައި 10 މަހަށް ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް މިނިވަންކޮށްދޭން، މަޝްވަރާތަކުގައި ސަރުކާރުގައި އެދޭނެ ކަމުގެ ޔަގީންކަން އިއްތިހާދުން ދީފައިވާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.


މަހްލޫފަށް ހަ މަހުގެ ޖަލު ހުކުމް އިއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަން ކަން ސާބިތުވުމުންނެވެ. އޭގެފަހުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އޭނާ އަށް އައީ އެ މައްސަލާގައި ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން އުޅުނު ކަން ސާބިތުވުމުންނެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވީ ނުހައްގު ގޮތުގައި އަދަބު ލިބެމުންދާ މަހްލޫފް މިނިވަން ވާނެ މަގެއް އަދި ފެންނަން ނެތް ކަމަށެވެ. ފުރަތަމަ އިއްވި ހުކުމް އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްތިއުނާފަށް ހުށަހެޅިތާ ވެސް މިހާރު ދެ މަސް ވެއްޖެ. ވަކީލުން އެދިފައި ވަނީ އަނެއް ހުކުމް ފެށުމުގެ ކުރިން އިސްތިއުނާފް ނިންމައިދޭން. އެކަމަކު ހަބަރެއް ނުވޭ،" ނަޒޫ ވިދާޅުވި އެވެ.

ކޯޓުގައި އިސްތިއުނާފްކުރިއަސް މަހްލޫފް މިނިވަންކުރާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ނަޒޫ ވިދާޅުވި އެވެ. އެހެންވެ، ދެން އޮތް ގޮތަކީ ކުށެއް ނެތި ހައްޔަރުކޮށް ހުކުމް އިއްވާފައިވާ ސިޔާސީ ކުށްވެރިން، ކޮމަންވެލްތު ފަދަ ތަންތަނުން ގޮވާލާފައިވާ ގޮތަށް ސަރުކާރުން މިނިވަންކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޝްވަރާތަކުގައި މަހްލޫފް މިނިވަންކުރަން ސަރުކާރުގައި އެދޭނެ ކަމުގެ ޔަގީންކަން އޮތީ ލިބިފައި،" ނަޒޫ ވިދާޅުވި އެވެ.

ކޮމަންވެލްތުން ގޮވާލާފައިވާ ގޮތަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ މި މަހު މެދު ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ. އަދި މަޝްވަރާގެ މޭޒަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ހުރިހާ ކަމަކާ ވާހަކަ ދައްކައިގެން ހައްލު ހޯދަން ތައްޔާރު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މަހްލޫފަހަށް ދެ ހުކުމެއް އިއްވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަންކުރައްވާ ގޮތާ މެދު ފާޑުވިދާޅުވެ، އިދިކޮޅު ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. އިދިކޮޅު ގިނަ ބަޔަކު މަހްލޫފް ސިފަކުރަނީ، ޑިމޮކްރަސީ އަށް ލޯބިކުރާ، ރައްޔިތުންނަށް ގެއްލުންވާ ނިންމުންތަކާ ދެކޮޅު ހައްދަވަން ކެރިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ނަޒޫ ވިދާޅުވި ގޮތުގައި މަހްލޫފްގެ ސިއްހީ ހާލަތަށް ބަލައި ވެސް އޭނާ މިނިވަންކޮށްދޭން ޖެހެ އެވެ. ޖަލަށް ގެންދިޔަ ފަހުން މަހްލޫފްގެ އެލާޖިކްވުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ކަރަށް ދިމާވި މައްސަލައެއްގައި ކޮންމެ ދުވަހަކު މާލެ ގެނެސް ފިޒިއޮތެރަޕީ ހަދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ހުކުމާ އެކު މަހްލޫފްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރެއް ނުވެވޭނެ އެވެ. މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ.