ކަސްޓަމްސްގެ ދެކުނުގެ ސަރަހައްދީ އޮފީސް އަޅަން މަރަދޫން ބިމެއް ދީފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެކުނުގެ ސަރަހައްދީ އޮފީސް އިމާރާތްކުރަން އައްޑޫ މަރަދޫން އިއްޔެ ބިމެއް ދީފި އެވެ.


އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސައިދިން 12،000 އަކަފޫޓްގެ ބިމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފެވެ.

މަރަދޫ ބަނދަރުމަތީގައި ހުންނަ "1000 ބީސީ" ރެސްޓޯރަންޓްގެ އަރިމަތިން އޮތް ހުސް ބިމުން ކަސްޓަމްސް އަށް ދިން ބިން ރަަސްމީކޮށް ހަވާލުކުރަން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަރަދޫގެ ބައެއް އާންމުންނާއި އޮފީސްތަކުގެ އިސްވެރިން ވެސް ބައިވެރިވެޑައިގެންނެވި އެވެ.

އެ ސަރަހައްދުން ކަސްޓަމްސް އަށް ބިމެއް ދިނީ، އެތަނުން ދެ ބިމެއް ދޫކުރަން ނިންމައި ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން މިދިޔަ އަހަރުގެ މެދުތެރޭގައި އިއުލާން ވެސް ކޮށްފައި ވަނިކޮށެވެ.

ކަސްޓްމްސް އަށް މަރަދޫން ބިމެއް ދޫކުރި އިރު، އެތަނުގެ އޮފީސްތަކެއް ގަމާއި ލިންކް ރޯޑްގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިމާރާތުގައި ވެސް ހިންގަ އެވެ.