ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.


އެ ދެ މީހުން މިއަދު ހައްޔަރު ކުރުމަށް ފަހު ގެންދިޔައީ ކަނޑުހުޅުދޫ ކޯޓަށެވެ. އެކަމަކު އެ ކޯޓުގައި މެޖިސްޓްރޭޓެއް ނެތިގެން ދެން އެ މީހުން ވިލިނގިލީ ކޯޓަށް ގެންދަން ވަނީ މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ ރަށު ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަން ފެށުމުން ދެން ގެންދިޔައީ ގެމަނަފުށީ ކޯޓަށެވެ. އެ ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

އަދި ފުލުހުންގެ ބަންދުގައި ބަހައްޓަން ގދ. ތިނަދު އަށް ގެންދާ ވާހަކަތަކެއް ފެތުރެމުން ދާތީ، ތިނަދޫގައި ވެސް މިހާރު އާންމުން ވަނީ ބަނދަރު މައްޗަށް ނުކުމެފަ އެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ބައްޕަ ހުޅުމާލޭގެ ފްލެޓެއްގައި ހުއްޓާ އާންމުން އެއްވެ އޭނާ ހައްޔަރު ކުރުމަށް ވަނީ ގޮވާލައިފަ އެވެ. ބޮޑު ހަމަނުޖެހުންގަނޑަކަށް ފަހު ފުލުހުން އޭނާ ހައްޔަރުކޮށްގެން ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.