ދަރިފުޅު ރޭޕްކުރުން: އިންސާނީ ނަސްލު ފެއިލްވެއްޖެ: މެންކް

އަމިއްލަ ދަރިފުޅު ރޭޕް ކުރުމަކީ މުޅި އިންސާނީ ނަސްލު ފެއިލްވުން ކަމުގައި ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ، މުފްތީ އިސްމާއިލް މެންކް ރޭ ވިދާޅުވެއްޖެ އެވެ.


ޒުވާނުންނަށް ހާއްސަކޮށްގެން، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން މެންކް ވަނީ، ދެ އަހަރުގެ ތުއްތު ކުއްޖަކު އޭނާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ރޭޕްކޮށްލި ކަމަށް ބުނާ ވާހަކަ އަށް އަލިއަޅުއްވާލައްވައިފަ އެވެ.

މެންކް ވިދާޅުވި ގޮތުގައި، އުފަން ދަރިންނަށް އެފަދަ ޖިންސީ ގޯނާ ކުރުމަކީ ހަމައެކަނި ރާއްޖޭގައި ހިނގާކަމެއް ނޫނެވެ. އެހެންވެ ބަޔަކު އެފަދަ އަމަލެއް ހިންގުމަކީ މުޅި ގައުމު ފެއިލްވުން ނޫން ކަމަށާއި އެކަމަކު އެއީ ދަރިންނާ މެދު މުޅި އިންސާނީ ނަސްލު ފެއިލްވުން ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ވަރަށް ހިތާމަހުރި ކަމެއް،" ޒިމްބާބުވޭ އަށް އުފަން އިލްމުވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިން ދެކެ ލޯބި ނުވާ އަދި އެ ކުދިންނަށް އިހްތިރާމް ނުކުރާ މީހުން ވެސް އުޅޭ ކަމަށާއި އެ ފަދަ މީހުން، އެ ކުދިންނަށް ހިމާޔަތް ދިނުމުގެ ބަދަލުގައި ރޭޕް ކުރާ ކަމަށެވެ.

"އެކަމަކު މިއީ ވަކި ޕާޓީއެއް ނުވަތަ ވަކި ގައުމެއް ކުށްވެރިކުރެވޭނެ ކަމެއް ނޫން. އަދިި މިއީ ގައުމު ފެއިލްވުމެއް ވެސް ނޫން. މިއީ މުޅި އިންސާނީ ނަސްލު ފެއިލްވުން،" މެންކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސްލިމުންގެ ތެރޭގައި ވެސް ވަރަށް ނުބައި އަމަލުތައް ކުރާ މީހުން އުޅޭ ކަމަށާއި އެކަމަކު އެއީ މަދު އަދަދެއް ކަމަށެވެ. އަދި ކޮންމެ މުސްލިމަކު ވެސް ވާން ޖެހޭނީ ޖިންސީ ގޮތުން އެހާ "ބަލިކަށި" ދަރަޖައަކަށް ނުވެއްޓޭ، ވަކި އުސޫލުތަކާއި އަހުލާގެއްގައި ހިފަހައްޓާ ބަޔަކަށް ކަމަށް މެންކް ވިދާޅުވި އެވެ.

ގއ. ކަނޑުހުޅުދޫގައި ދަރިފުޅު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހުންނަކީ ކުޑަކުދިންނާ ބެހުމުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.

ޒުވާނުންނާ ވާހަކަ ދައްކަވަމުން، ދީނީ އިލްމުވެރިޔާ މެންކް ވަނީ، މިހާރު ޒުވާނުންގެ ތެރޭގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި ޒުވާން އުމުރުގައި ކުރެވޭ ކުށެއްގެ ސަބަބުން ދެން އެ މީހަކަށް އިސްލާހުވެވެން ނެތް ކަމުގެ ވިސްނުން އުފައްދާ ކަމަށާއި އެކަމަކު އެފަދަ ގޮތަކަށް ސިކުނޑި ދޮވެލުމުގެ ފުރުސަތު ނުދެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.