އަޒްހަރުން އަރަބިއްޔާ އަށް ފޮތްތަކެއް ހަދިޔާކޮށްފި

މިސްރުގެ އަޒްހަރު ޔުނިވާސިޓީން ރާއްޖޭގެ އަރަބިއްޔާ ސްކޫލަށް އަރަބި ފޮތްތަކެއް މިއަދު ހަދިޔާކޮށްފި އެވެ.


އެ ޔުނިވާސިޓީން މި ފަހަރު ރާއްޖެ އަށް ހަދިޔާކުރީ 6،461 ފޮތެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އަޒްހަރު ޔުނިވާސިޓީގެ ފަރާތުން މި އަހަރުގެ ފޮތްތައް ހަވާލު ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ މިސްރުގެ ސަފީރު، ހުސައިން އަލް ސަހާރީ އެވެ. ފޮތްތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

އަޒްހަރުގެ ފޮތްތަކާ ހަވާލުވުން

މިސްރުގެ އެންމެ ދުވަސްވީ އެއް ޔުނިވާސިޓީ އަޒްހަރުން ރާއްްޖޭގެ ތައުލީމީ ދާއިރާ އަށް ވަމުން އަންނަ އެހީއަށް ފޮރިން މިނިސްޓަރު މި ރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވި އެވެ. ޝާހިދު ވިދާޅުވީ، ރާއްޖެ އާއި މިސްރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ވެފައިވާ ކަމަށާއި ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުމަށް އެ އަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

"ރާއްޖޭގެ އިޖުތިމާއީ-އިގްތިސާދީ އަދި އިންސާނީ ވަސީލަތްތައް ކުރިއަރުވަން އަލް އަޒަހަރު ޔުނިވާސިޓީން ވަނީ ގިނަ އެހީތަކެއް ވެފައި،" ޝާހިދު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މިސްރުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ހުސެއިން އަލް ސަހާރީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

އަޒްހަރު ޔުނިވާސިޓީން ހިންގާ ޓީޗާ އެކްސްޗޭންޖް ޕްރޮގްރާމަށާއި ދިވެހިންނަށް ދޭ ސްކޮޮލާޝިޕް ފުރުސަތުތަކަށް މިނިސްޓަރު ވަކިން ހާއްސަކޮށް ޝުކުރު އަދާކުރެއްވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ ފުންނާބު އުސް އިލްމުވެރިންނަކީ އަޒްހަރު ޔުނިވާސިޓީން ދަސްވެނިވިފައިވާ ދަރިވަރުންނެވެ. ޚާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ވެސް އެ ޔުނިވާސިޓީން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅެއް ކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި މިސްރަށް ނޮން-ރެސިޑެންޓް ސަފީރެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަވާ މިސްރުގެ ސަފީރު ވިދާޅުވީ، އަރަބިއްޔާ ސްކޫލަށް ދިން ފޮތްތަކަކީ ހަދިޔާއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފޮތްތައް ދިނީ އެއީ މިސްރުގެ ޒިންމާއެއް ކަމަށް ދެކިގެންނެވެ. ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރަން މުސްތަގްބަލުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.