މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ މެދު ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މިއަދު މަޝްވަރާކުރައްވައިފި އެވެ.


ރައީސް އޮފީހުން ބުނީ އެ ބައްދަލުވުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެންމެ އެކަށޭނަ އަދި ފުރިހަމަ މިނިމަން ވޭޖް ކަނޑައެޅުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އެ ކަންތައްތަކުގެ ތެރޭގައި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް ހިމެނެ އެވެ.

އެގޮތުން ދައުލަތުގެ ބަޖެޓާއި އިންފްލޭޝަން ރޭޓާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި ބޭރު ފައިސާގެ ރިޒާވާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކުގެ އިތުރުން ޖުމްލަ ގޮތެއްގައި އިގްތިސާދަށް ކުރާނެ އަސަރުތަކާ މެދު މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހެޅި އެވެ. އެ ޕްރެޒެންޓޭޝަން ބިނާކޮށްފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާމެދު އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްއޯ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތުގެ މައްޗަށެވެ.

މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑަކީ، މިނިމަމް ވޭޖާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދެއްވަން މެއި 1، 2019 ގައި އެކުލަވާލާފައިވާ ބޯޑެކެވެ. މި މަހުގެ ހަތް ވަނަ ދުވަހު ރައީސް ވިދާޅުވީ، މިނިމަމް ވޭޖާ ބެހޭގޮތުން ތައްޔާރުކުރި ރިޕޯޓު، އެއާ ޖެހިގެން އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ކެބިނެޓުގައި މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މިއަހަރު ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެކަމާ ގުޅޭގޮތުން އެމްޑީޕީން ކުރިން އެކުލަވާލި ކަރުދާހުގައި އޮތްއޮތުން ދެވޭނެ އެންމެ ދަށް މުސާރައަކީ ދުވާލަކަށް 200ރ. އެވެ. އެކަމަކު ބައެއް ދާއިރާތަކުގައި ދެވޭނެ އެންމެ ދަށް މުސާރައިގެ ގޮތުގައި އެއަށް ވުރެ ބޮޑު އަދަދުތަކެއް ވެސް އެމްޑީޕީން އޭރު ހިމެނި އެވެ.