ބްރައުން ވިޑޯ އެހެން ދެ ރަށަކުން ވެސް ފެނިއްޖެ، ސަމާލުވޭ!

ދެ ދުވަސްކުރިން ކ. މާފުށިން ފެނުނު ނުރައްކާތެރި "ބްރައުން ވިޑޯ" ފައި ދިގު މަކުނު މާލެ އަތޮޅުގެ އެހެން ދެ ރަށަކުން ވެސް އިއްޔެ ފެނިފައިވާ ކަމަށާއި އެކަމަށް ސަމާލުވާން ހެލްތު މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.


މި ފައިދިގު މަކުނުގެ ބާވަތް އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައި ވަނީ މާފުށިން ނަމަވެސް، އެ އަތޮޅު ހުރާ އާއި ތުލުސްދޫން ވެސް އިއްޔެ ބްރައުން ވިޑޯ ފެނިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެފްރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުން އާންމުކޮށް ފެންނަ މި ބާވަތުގެ ފައި ދިގު މަކުނަކީ، މަޝްހޫރު "ބްލެކް ވިޑޯ" ފައި ދިގު މަކުނާ އެއް އާއިލާއެއްގައި ހިމެނޭ މަކުނެކެވެ.

މުށި ކުލަ، ކަޅު ކުލަ އަދި އަޅި ކުލައިގައި ވެސް މި ބާވަތުގެ ފައި ދިގު މަކުނު ހުރެ އެވެ. ބްރައުން ވިޑޯއެއް ނުވަތަ އެ މަކުނުގެ ބިސް ހާއްޔެއް ފެނިއްޖެ ނަމަ، ހަނިހުރަހެއް ބޭނުންކޮށްގެން އެ ތަކެތި ނެގުމަށް ފަހު އަންދާލަން ހެލްތު މިނިސްޓްރީން އަންގާފައި ވެ އެވެ. ބިސް ހާލި ހުންނަނީ އަލި މުށި ކުލައެއްގަ އެވެ. އަދި އެކި ތަންތަނުން ކުދިކޮށް އުފުލިފައި ހުރެ އެވެ. ބްރައުން ވިޑޯއެއް ބިސް އަޅާތާ 20 ދުވަހުގެ ތެރޭގައި އެ ތަކެތި ވިހަ އެވެ.

ގޭތެރެ އާއި ޖޯލި ފަދަ ތަންތަނުގައި އިށީނުމުގެ ކުރިން މި ބާވަތުގެ މަކުނު ނުވަތަ އެތަކީގެ ބިސް ހާލި ހުރިތޯ ބަލާ ޗެކް ކުރަން ހެލްތު މިނިސްޓްރީން ބުންޏެވެ. ޓްރޮޕިކަލް ސަރަހައްދުތަތަކުގައި ހުންނަ އިމާރާތްތަކުގެ ބޭރުން މި ބާވަތުގެ މަކުނު އާންމުކޮށް ފެނެ އެވެ.

ޖޯއްޔެއްގައި ބްރައުން ވިޑޯގެ ބިސް ހާއްޔެއް -- ފޮޓޯ: ފުލުހުން

ބްލެކް ވިޑޯއަށް ވުރެ މި މަކުނުގެ ވިހަ ބާރުގަދަ ނުވި ނަމަވެސް، ބްރައުން ވިޑޯ އަކީ ވެސް ނުރައްކާތެރި، ވިހަ ފައި ދިގު މަކުނެކެވެ. ނަމަވެސް އެ ދަތްއަޅާ އިރު ވިހައިގެ އަސަރަށް ވުރެ، ގެއްލުން ވާނީ އެ ދަތް އަޅާފައިވާ ތަނަށެވެ. ދަތްއަޅާ ތަން ދުޅަވެ، އެތަނަށް ތަދުވާނެ އެވެ. ބްރައުން ވިޑޯ މަކުނެއް ދަތްއެޅުމުން އެތަން ސާފުކޮށް، އައިސް ޕެކެއް ފަދަ އެއްޗެއް ބޭނުންކޮށްގެން އެތަނެއް ދުޅަވާ މިންވަރު ކުޑަކުރެވޭނެ އެވެ. އަދި ދަތްއަޅާފައިވާ ތަނެއް އުފުލާފައި ބެހެއްޓުމުން ވެސް ދުޅަވުން ކުޑަ ވާނެ އެވެ. މީގެ އިތުރުން ބްރައުން ވިޑޯ ދަތްއަޅާ ސަރަހައްދު ކަހާނެ އެވެ. ކެހުން މަދުކުރުމަށް އެންޓި އިޗް ކްރީމެއް ބޭނުން ކުރަން ވާނެ އެވެ.

މި މަކުނު ނައްތާލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން އަންނަނީ ކުރަމުންނެވެ.