ލޯންޗެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

ނޮކު މޯލްޑިވްސް އައިލެންޑް ރިސޯޓަށް ޓޫރިސްޓުން ގޮވައިގެން ދިޔަ ލޯންޗެއް އެ ރިސޯޓް ނެރު މައްޗަށް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ އެވެ.


މިއަދު އިރުއޮއްސި 6 ޖަހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވީ ލޯންޗްގައި އިން އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ 51 އަހަރުގެ އެ މީހާ އަށް ލޮނު ބޮވުމުގެ ސަބަބުން ހޭނާރާ ކަމަށެވެ.

މިރޭ 8 ޖަހާކަންހާ އިރު އެ މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ވަގުތު ލޯންޗްގައި ތިބީ ދެ ޓޫރިސްޓުންނާއި ހަތަރު ފަޅުވެރިންގެ އިތުރުން މަރުވި މީހާ އެވެ. ލޯންޗުގައި ތިބި އެހެން މީހުންގެ ހާލު ރަނގަޅެވެ. މީހުން ސަލާމަތްކޮށްގެން ރިސޯޓަށް ގެންދިޔައީ އެ ރިސޯޓްގައި ދުއްވާ ޑިންގީ އަކުންނެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.