ކުއްޖާ އަށް އަނިޔާވިތޯ ސުވާލު އުފެއްދި މަދީހާ އަށް އެމްޑީޕީގެ ޓިކެޓެއް ނުދިން

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި ނަމަ، އެހާ އަވަހަށް ދުވެދުވެފައި އުޅޭނެތޯ ސުވާލު އުފައްދައި، އެ އަނިޔާ ދިން މީހުން ދިފާއުކޮށް ވާހަކަ ދެއްކި މަދީހާ އަބްދުﷲ އަށް އެމްޑީޕީގެ ޓިކެޓް ނުދޭން ނިންމައިފި އެވެ.


އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ. ކަނޑުހުޅުދޫ ކައުންސިލަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓަށް އެދިފައިވާ މަދީހާގެ ފޯމު ބާތިލްކުރަން ނިންމީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީންނެވެ. އެ ކޮމިޓީން އެ މައްސަލަ ބެލީ، މަދީހާގެ ވެސް އާއިލާ އަށް ނިސްބަތްވާ ކުއްޖާ އަށް ކުރި އަނިޔާ ދިފާއުކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ފާޑުކިއުން އަމާޒުވުމުންނެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް މިއަދު ވިދާޅުވީ މަދީހާގެ ފޯމު ބާތިލްކުރަން ނިންމީ ދެ އަހަރު ނުފުރޭ ކުއްޖާ އަށް ކުރި އަނިޔާތަކާ ގުޅޭ ގޮތުން އޭނާ ދައްކާފައިވާ ވާހަކަތައް ކޮމިޓީން ބެލުމަށް ފަހު ކަމަށެވެ.

"އެއީ، މަދީހާ ދައްކާފައި ހުރި ވާހަކަތަކެއް ކަން ޔަގީންކޮށްފައި ފޯމު ބާތިލްކުރަން ނިންމީ،" އަފްޝަން ވިދާޅުވި އެވެ.

މަދީހާ އަކީ އެ ކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތުކުރާ ކާފަގެ ކޮއްކޮ އެވެ. އޭނާގެ އިތުރުން މުނި ކާފަ ވެސް އެ ކުއްޖާ އަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގައި، ސަން އޮންލައިނާ ވާހަކަ ދައްކަމުން، "ދެ އަހަރުގެ ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕްކުރި ނަމަ އެ ކުއްޖާ ދުވެދުވެ އުޅޭނެ ހެއްޔޭ" މަދީހާ ވަނީ ސުވާލު އުފައްދައިފަ އެވެ. ކުއްޖާ އަށް މާ ބޮޑުވަރު ވި ނަމަ ދުނިޔޭގެ އޮންނާނެތޯ އާއި އެހާ އަވަހަށް ހޮސްޕިޓަލުން ދޫކޮށްލީ ކީއްވެތޯ އޭނާ ވަނީ އެ އިންޓަވިއުގައި ސުވާލު އުފައްދައިފަ އެވެ.

ޖިންސީ އަނިޔާ ބޭރުފުށުން ފެންނަން ހުރިތޯ ސުވާލު އުފެއްދި އިރު، ޖިންސީ އަމަލެއް ހިންގައިގެން އަނިޔާ ލިބުނު ކަމަށް ވަނީ އެ އަނިޔާ ފެންނަން ހުރުމުން އެކަނި ނޫން ކަމަށް ހައި ކޯޓުގައި މިހާރު ހިނގާ އެފަދަ މައްސަލައެއްގައި ދައުލަތުން ފާހަގަކޮށްފައިވެ އެވެ. ޖިންސީ ޝިކާއަކަށް ކުދިން ހެދުމުގެ ނަތީޖާ އަކަށް ވަނީ ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވުމުގެ އިތުރުން އިޖުތިމާއީ އެތައް ދަތިތަކަކާއި ހުރަސްތަކެއް ކުރިމަތިލާން ޖެހުން ކަން ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

ދެ އަހަރުގެ ކުއްޖާ އަށް އަނިޔާ ލިބުނުތޯ ސުވާލު އުފައްދައި މަދީހާ ވާހަކަ ދެއްކި އިރު، އެ ކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފަގެ ފަރާތުން ކަނޑުހުޅުދޫގެ އެހެން ކުދިންނަށް އެ ބިރު ކުރިމަތިވެފައިވެ އެވެ. މުނި ކާފަ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ރެކޯޑު މުއައްސަސާތަކުގައި އޮވެ އޭނާ ދޫކޮށްލާފައި ހުރި އިރު، އަމިއްލަ ދަރިއަކާ ބެހެން އުޅުމުގެ ތުހުމަތު ކާފަ އަށް ވެސް ކުރެ އެވެ. އޭނާގެ އަންހެނުންނަށް އެނގޭ ކަމަށް ތުހުމަތުކުރާ އެ މައްސަލަ މުއައްސަސާއެއްގައި ރިޕޯޓް ނުކުރީ އެވެ.

ސަބަބެއް ކަމަށް ކަނޑުހުޅުދޫގެ ރައްޔިތުން ބުނަނީ، ކާފަ އާއި މުނި ކާފަގެ އާއިލާގެ ނުފޫޒު އެ ރަށުގެ މުއައްސަސާގެ ތެރޭގައި ގަދަވުމެވެ. އެހެންވެ ރިޕޯޓް ކުރިއަސް ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީން ކަމެއް ނެތީ އެވެ.