އެމްޑީޕީގެ ހިންގުން ވެސް ދާއިރާތަކަށް ދޫކޮށްލަން ޖެހޭ: ރައީސް

ރާއްޖެ ލާމަރުކަޒީ ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، އެމްޑީޕީގެ ހިންގުން ވެސް ލާމަރުކަޒުކޮށް، ބާރުތައް ދާއިރާތަކަށް ދޫކޮށްލަން ޖެހޭ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް، "އެޖެންޑާ 19، ހައްދުންމައްޗަށް،" ނަމުގައި ލ. ގަމުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ޕާޓީގެ ހިންގުން ހަރުދަނާ ކުރެވޭނީ، ލާމަރުކަޒުކޮށްގެން ކަމަށެވެ. އަދި އެ ދާއިރާތަކަށް މާލީ ގޮތުން ވެސް ތަނަވަސްކަން ހޯދައި ދޭން ޖެހޭ ކަމަށާއި ޕާޓީގެ އިސް މީހެއްގެ ހައިސިއްޔަތުުން އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ރާއްޖެ ލާމަރުކަޒީ ވެގެން ދާއިރު، ޕާޓީ ހަރުދަނާ ވެގެންދާނީ، ދާއިރާތަކުގެ ވެސް ހިންގުން މިއަށް ވުރެ ހަރުދަނާ ކުރުމާ އެކު މާލީ ތަނަވަސްކަން ލިބިގެން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ، ވަރަށް ގިނަ ބައެއްގެ ނުރުހުމާއެކުގަ އެވެ. އަދި ލާމަރުކަޒުކޮށް ކަންކަން ކުރުމުގެ ވިސްނުން ހުންނާނީ އެމްޑީޕީގެ މީހުންގެ ކަމަށާއި އެހެންވެ، ކުރިއަށް އޮތް އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ މެމްބަރުންނަށް ދޭ ވޯޓަކީ ގެއްލޭނެ އެއްޗެއް ނޫން. އޭގެ ނަތީޖާ ސަރުކާރުން، ރައްޔިތުންނާ އެކުގައި މަސައްކަތްކޮށްގެން ދައްކައިދޭނެ،" ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ލ. އަތޮޅުން ބޮޑު ތާއީދެއް ސަރުކާރަށް ލިބުނުކަން ފާހަގަކުރައްވައި، އަދި އެކަމަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭނީ ވީހާ ވެސް ކައިރިން އިންތިޒާމުތައް ހިންގައިގެންނެވެ. އެއީ ކުރިން ވެސް އެމްޑީޕީން ގަބޫލު ކުރިގޮތް ކަމަށާއި އެ ވައުދު ފުއްދުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން މިއަދު ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެނެސް، ކައުންސިލްތަކަށް ގާނޫނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބަށް ތައްޔާރުވުމަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިންތިޚާބުތަކުގައި އެ ޕާޓީން ކާމިޔާބު ހޯދަނީ، އެފަދަ ރޭވުންތެރިގޮތްތަކަށް އިންތިޒާމްތައް ކުރިއަށް ގެންދާތީ ކަމަށެވެ. އަދި އޭގެ ސަބަބުން، ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް އެނގި، އެއަށް އަމަލީ ސިފަ ގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.