ކޮރޯނާ ވައިިރަސް: މިއީ ތޯތޯ ވާހަކަ ފަތުރަން ވާވަރުގެ ކަމެއް ނޫން!

ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުންނަށް ޖެހި، އޭގެ ތެރެއިން 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ވައިރަސް ފެތުރެމުންދާލެއް އަވަސްކަމުން ޗައިނާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަނީ ބޮޑު ހާސްކަމެއް އުފެދިފަ އެވެ.


ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން ރާއްޖޭގައި ވެސް ތަފާތު ވާހަކަތައް ފެތުރުމުގެ މައިގަނޑު ސަބަބަކީ މި ހާސްކަމެވެ. އެކަމަކު ޔަގީން ކުރަން ޖެހޭ ކަމަކީ ރައްޔިތުން އެހާ ބޮޑަށް ރައްކާތެރިވާން ޖެހޭ ކަމެއްގެ މައުލޫމާތު، ކަމާ ބެހޭ އިދާރާތަކުން ސިއްރު ނުކުރާނެ ކަމެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްްޔެ ވިދާޅުވީ ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވިގެން އެއްވެސް މީހަކު ޓެސްޓް ކޮށްފި ނަމަ އެ މައުލޫމާތު ވަގުތުން ވަގުތަށް ހާމަކުރައްވާނެ ކަމަށެވެ.

"މީހަކަށް ޝައްކު ކުރެވިއްޖެ ނަމަ ނުވަތަ ކޭސްއެއް ފެނިއްޖެ ނަމަ، މިއިން ކޭސް އަކަށް ޓެސްޓް ކުރެވިއްޖެ ނަމަ އަޅުގަނޑުމެން ވަގުތުން ވަގުތަށް އެ މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރާނަން،" ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ދޮގު މައުލޫމާތު ފެތުރުމުގެ ނަތީޖާއަކީ؟

"ރޯގާ ވައްތަރު ވެލާ އިރަށް ވެސް އާއިލާގެ ބައެއް މީހުން މިހާރު ބޭނުންވަނީ ހޮސްޕިޓަލަށް ދާން. ކޮރޯނާ ވައިރަސް މިހާރު ރާއްޖޭގައި އުޅޭނެ ކަމަށް އެ މީހުން ގަބޫލުކުރަނީ. ސޯޝަލް މީޑިއާގައި ފެތުރޭ ވާހަަކަތައް އެހާ ވަރަށް އެބަ ގަބޫލުކުރޭ،" އާދަމް އަހުމަދު، 26، ބުންޏެވެ.

އޭނާ ބުނީ ފޭސްބުކް އާއި ޓްވިޓާ ފަދަ ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކަށް ބައެއް މީހުން ފަސޭހައިން އިތުބާރު ކުރާ ކަމަށެވެ.

ކޮންމެ ކެއްސުމަކާއި ކޮންމެ ރޯގާއަކާ އެކު، އާދަމްގެ އާއިލާގެ މީހުން ފަދައިން ހޮސްޕިޓަލްތަކާ ދިމާލަށް ދުވާ ނަމަ ސިއްހީ ފަރުވާ ދޭ ތަންތަނަށް ބާރުބޮޑުވާނެ އެވެ. އޭގެ ސަބަބުން ހިދުމަތްތަކަށް ބާރުބޮޑުވުމުގެ އިތުރުން އެކިއެކި އެހެން ބަލިތައް ބާރުމިނުގައި ފެތުރުމަށް މަގުފަހިވާނެ އެވެ. ސައްހަ މައުލޫމާތު ހޯދައި، އެ މައުލޫމާތުތަކަށް ބަރޯސާ ކުރަން ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަބަދު އިލްތިމާސް ކުރާ އެއް ސަބަބަކީ ވެސް މި އެވެ. ސިއްހީ ކަމެއްގައި މީހުން "ޕެނިކް" ވުމަކީ ވަރަށް ނުބައި ނަތީޖާއެއް ނުކުމެދާނެ ކަމެެކެވެ.

"ވަރަށް މުހިއްމު ކަމެއް، ސައްހަ މައުލޫމާތު ހޯދުމަކީ. އަޅުގަނޑުމެންގެ އިލްތިމާސަކީ ރަސްމީ މައުލޫމާތުތަކަށް ނޫނީ އިތުބާރު ނުކުރައްވާށޭ. މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފަތުރާ ސައްހަ މައުލޫމާތު ހޯއްދަވާށޭ،" ކޮރޯނާ ވައިރަސް ފެތުރެން ފެށި ފަހުން ފުރަތަމަ ބޭއްވި ނޫސްކޮންފަރެންްސްގައި ހެލްތު މިނިސްޓަރު އަަަބްދުﷲ އަމީން މިދިޔަ ހަފްތާގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ތައްޔާރީތަކާ މެދު ޑަބްލިއުއެޗްއޯ އަށް ޔަގީންކަން އެބައޮތް

ވުހާން ވައިރަސް އަށް ރާއްޖޭން ތައްޔާރުވެފައިވާ މިންވަރާ ބެހޭ ގޮތުން ހެލްތު މިިނިސްޓަރު އަބްދުﷲ އަމީނާއިި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ އަރުވިންދު މާތޫރު ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމަށް ޓަކައި ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކާއި ކުރަމުން އަންނަ މަސަައްކަތްތަކަކީ އަމިއްލަ އަމިއްލަ އަށް ކުރަމުން އަންނަ މަސައްކަތްތަކެއް ނޫނެވެ. ވައިރަސް ހުރި ކަަމަށް ޝަައްކުކުރެވޭނެ ހާލަތްތަކާއި އަޅާނުލާ ދޫކޮށްލަންވީ ހާލަތްތައް ވެސް ބަޔާންކޮށް ޑަބްލިއުއެޗްއޯއިން ވަނީ ފުރިހަމަ ގައިޑްލައިންތައް ހަދާފަ އެވެ. ރާއްޖޭން އަމަލުކުރަނީ އެ ގައިޑްލައިންތަކަށެވެ.

ބުދަ ދުވަހު އަމީން ވިދާޅުވީ ކަމެއް ދިމާވެއްޖެ ހާލަތުގައި (ކޮރޯނާ ވައިރަސް ރާއްޖެ އަށް އަތުވެއްޖެ ނަމަ) ދެން ކަންތައްތައް ކުރަންވާނެ ގޮތް ވެސް ވިސްނައި ތައްޔާރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ މައްސަލަ އަށް ސަމާލުކަންދީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށެވެ.

ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް ޑރ. އަރުވިންދު މާތޫރު ވިދާޅުވީ ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރަށް ބަލާއިރު ރައްޔިތުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އެކަމަކު ތައްޔާރުވެވަޑައިގެން ތިއްބަވާ. އަދި ސަމާލުވެ، ފަރުވާތެރިވެ ތިއްބަވާ. އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުމެން މިތިބީ ވެސް ސަމާލުވެގެން،" އޭނާ ވިދާޅުވި އެވެ.