ޕެންޝަން އޮފީހަށް ސީއީއޯއެއް އައްޔަންކުރުމުގެ މައްސަލަ އޭސީސީ އަށް!

ޕެންޝަން އޮފީހަށް ސީއީއޯއަކު އައްޔަންކުރުމުގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހިމެނޭ ކަންތައްތަކެއް ހިނގާ ކަމަށް ތުހުމަތުކޮށް މައްސަލަ ބަލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ މީހަކު އިއްޔެ ހުށަހަޅައިފި އެވެ.


މި މައްސަލަ ލިބިފައިވާ ކަން އޭސީސީން ކަށަވަރުކޮށްދެ އެވެ.

ޕެންޝަން އޮފީސް އުފެދުނީއްސުރެ އެތަނުގެ ސީއީއޯގެ މަގާމުގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ހުސެއިން މަނިކު މިދިއަ މަހު އިސްތިއުފާ ދެއްވި ފަހުން އެ މަގާމު އަދި އޮތީ ހުހަށެވެ.

އާ ސީއީއޯއެއް ހޯދަން ކުރި ފުރަތަމަ އިއުލާން ބާތިލްކޮށް، އަލުން ހުޅުވާލައި މިހާރު ކުރިއަށް ގެންދާ މަސައްކަތާ މެދު ސުވާލު އުފައްދައި، އޭސީސީއަށް ހުށައެޅި މައްސަލާގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ އެ މަގާމަށް ބޭރު މީހަކު އައްޔަންކުރަން ބޯޑުން ނިންމުމެވެ.

ފުރަތަމަ އިއުލާން ބާތިލްކޮށް، އަލުން ހުޅުވާލި އިރު ތައުލީމީ ފެންވަރަށާއި ތަޖުރިބާ އަށް ބަދަލުގެނެސްފައިވާ ކަމުގެ ކަންބޮޑުވުން ވެސް، މައްސަލާގައި، ފާޅުކޮށްފައިވެ އެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ދިރިނޫޅޭ މީހަކަށް، ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ފިޓް އެން ޕްރޮޕަ ފޯމު ފުރިހަމަކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެ ފޯމުގައި ހަވާލާދީފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށެވެ.

ސީއީއޯގެ މަގާމަށް ބޭރު މީހަކު އައްޔަން ކުރުމަކީ ޕެންޝަން ފަންޑުގެ މެމްބަރުންނަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ވާތީ މައްސަލަ ހުށަހެޅި ފަރާތުން އެދުނީ ސީއީއޯއަކު އައްޔަންކުރުމުގެ ކަންކަން ހިނގާފައި ވަނީ ޕެންޝަން ސްކީމުގެ ބައިވެރިންގެ މަސްލަހަތަށް ބެލިގެންތޯ ބަލައި ދިނުމަށެވެ.

"މި ދެންނެވި ބޭރުގެ ފަރާތް އައްޔަންކުރެވިފައި ވަނީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ވުރެން ވެސް ބޮޑު އިނާޔަތްތަކަކާ އެކު ކަމަށް ބެލެވެ އެވެ. ޕެންޝަން އޮފީހަކީ ދައުލަތުގެ މުއައްސަސާއަކަށް ވީ ހިނދު ޕޭ ކޮމިޝަނާއި މަޝްވަރާނުކޮށް މިފަދަ ނިންމުމެއް ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމަކީ އެ ކަމުގައި ސުވާލު އުފެދޭ ކަމެކެވެ،" އޭސީސީ އަށް ހުށަހެޅި މައްސަލާގައިވެ އެވެ.

އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި 60 މުވައްޒަފުން ތިބި ޕެންޝަން އޮފީސް ހިންގަން ބޮޑު މުސާރައަކާ އެކު ބޭރު މީހަކު ހަމަޖެއްސުމަކީ ޕެންޝަން ފަންޑުގެ މެމްބަރުންނަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތެއް ނޫނެވެ.

ޕެންޝަން ފަންޑަކީ 12 ބިލިއަން ރުފިޔާ ހިމެނޭ، ރައްޔިތުންގެ ހައްގެއް ކަމުން އެ ފަންޑުން ހަރަދުކުރަން ޖެހޭނީ އެންމެ މަސްލަހަތު ހުރި ގޮތަށް ކަމަށް ބުނެ އޭސީސީގެ ސަމާލުކަމަށް އެކަން ވަނީ ގެނެސްފަ އެވެ.

ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު ސުޖާތާ ހަލީމް ވިދާޅުވީ ޕެންޝަން އޮފީހަށް އަދި ސީއީއޯއަކު އައްޔަން ނުކުރާ ކަމަށެވެ. އެކަމަކު އެކަން ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގައި 127،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.