11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި 11 އަހަރުގެ ފިރިހެން ކުއްޖަކަށް މިދިޔަ މަހު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހުށައެޅި މައްސަލާގައި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުއްޖާއަކީ ކާކުކަން އާންމުވާނެ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. އެކަމަކު ބައެއް ހާލަތްތަކުގައި މީޑިއާތަކުން، އެއީ ކޮން ރަށެއްކަން އާންމުކުރެ އެވެ.

ޅ. ނައިފަރުގައި ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 60 އަހަރުގެ ދިވެހިި ފިރިހެނަކު ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެ، އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ވެސް ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި ފަހުންނެވެ. މި މައްސަލައިގައި އެ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކުރި އެވެ.