400 ވަރަކަށް ކެންޑިޑޭޓުންނަށް އެމްޑީޕީ ޓިކެޓް ލިބުނީ ޕްރައިމަރީ އަށް ނުގޮސް

އޭޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޓިކެޓް، ޕްރައިމަރީ އަށް ނުގޮސް 400 ވަރަކަށް މީހުންނަށް ލިބިއްޖެ އެވެ.


އެމްޑީޕީން އެ ޕާޓީގެ ވެބްސައިޓްގައި މިއަދު އާއްމުކުރި ލިސްޓްގައިވާ ގޮތުން ރަށު ކައުންސިލްތަކަށް ވާދަކުރާ 387 ކެންޑިޑޭޓަކާއި، އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ދެ ކެންޑިޑޭޓެއް އަދި ސިޓީ ކައުންސިލްތަކަށް ވާދަކުރާ ހަ ކެންޑިޑޭޓަކަށް މިހާރު ވަނީ ޓިކެޓް ލިބިފަ އެވެ.

އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން ޓިކެޓް ލިބުނީ ހއ؛ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މޫސާ ޝަފީގާއި ފ. އަތޮޅަށް ވާދަކުރައްވާ މުހައްމަދު ސަހުރީދަށެވެ.

ސިޓީ ކައުންސިލްގެ ޓިކެޓް ލިބުނީ:

މާލެ ސިޓީ 2: އާއިޝަތު ނިޒްލީ ރަޝީދު

މާލެ ސިޓީ 3: މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒް

މާލެ ސިޓީ 15: މުހައްމަދު އަރީޝް

މާލެ ސިޓީ 16: މުހައްމަދު ޝާހު

މާލެ ސިޓީ 17: ހުސައިން ޝަރީފް

ފުވައްމުލައް 1: އާމިނަތު ސައުސަން

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބުގައި 179 ރަށު ކައުންސިލް، ހަތަރު ސިޓީ ކައުންސިލް އަދި 18 އަތޮޅު ކައުންސިލަކަށް ވާދަކުރަން އެމްޑޕީން ހުޅުވާލި ނަމަވެސް ޕްރައިމަރީ ބާއްވަން ޖެހިފައި ވަނީ 93 ރަށެއްގައި ކަމަށެވެ.

ޕްރައިމަރީ ބާއްވަން ނުޖެހުނު ބައެއް ރަށްތަކަކީ އެއްވެސް ކެންޑިޑޭޓެއް ނެތްް ރަށްތަކެވެ.

މުއިއްޒު ވިދާޅުވިގޮތުގައި ކައުންސިލްތަކަށް ބޭނުންވާ އަދަދަށް ކެންޑިޑޭޓުން ކުރިމަތި ނުލާ ހުރި ދާއިރާތަކުން ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ނެރެެން އެ ޕާޓީން މަސައްކަތް ކުރާނެ އެވެ. އެގޮތުން ކެންޑިޑޭޓުން ހަމަނުވާ ދާއިރާތަކުގައި ޕާޓީގެ ފަރާތުން އިސްކޮށް ތިބޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކެންޑިޑޭޓުން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު އެވެ.