ޗައިނާ ޓޫރިސްޓުން ރާއްޖެ ގެނައުން މިވަގުތަށް ހުއްޓާލަން ގޮވާލަނީ!

ޗައިނާގައި މިހާރު ފެތުރެމުން ދާ ނުރައްކާތެރި ކޮރޯނާވައިރަސްއާ ގުޅިގެން އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ ގެނައުން މި ވަގުތަށް ހުއްޓާލަން ސޯޝަލް މީޑިއާގައި އާއްމުން ގޮވަން ފަށައިފި އެވެ.


ބައެއް ދިވެހިން އެހެން ގޮވާލަން މި ފެށީ އަލަށް ފެނުނު ވައިރަހުގެ ސަބަބުން ބަލިވި މީހަކު ސްރީ ލަންކާއިން ފެނުމުން، ޗައިނާގެ ޓޫރިސްޓުންނަށް ވިސާ ދިނުން ހަރުކަށިކުރުމުންނެވެ.

ރާއްޖެއެކޭ އެއްގޮތަށް ލަންކާ އަށް ވެސް އެންމެ ގިނައިން ދަތުރުކުރަނީ ޗައިނާގެ ޓޫރިސްޓުންނެވެ.

މެލޭޝިއާ އާއި އެހެން ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ޗައިނާ ޓޫރިސްޓުންނަށް ވިސާ ދޫކުރުން ކޮންޓްރޯލްކޮށްފަ އެވެ. ބައެއް ގައުމުތަކުން ޗައިނާ މީހުންނަށް ވިސާ ދިނުން ހުއްޓާ ވެސް ލި އެވެ.

ކޮރޯނާވައިސް ރާއްޖެ އަތުވެދާނެތީ ބިރުން ތިބި ދިވެހިން ބުނާ ގޮތުގައި "ފައިސާއަށް ވުރެ މުހިންމީ ފުރާނަ" އެވެ.

މުއިއްޒު އަދުނާން ކުރެއްވި ޓްވީޓް--

ޓްވިޓާގައި ޚިޔާލުފާޅުކުރެއްވި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ އެ ބަލި ފެތުރިދާނެތީ ޗައިނާގެ އެތެރޭގެ ދަތުރުތައް ވެސް ހަރުކަށިކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ސުވާލުކުރެއްވީ ޗައިނާގެ ޓޫރިސްޓުން ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރުން ކިހިނެއް ވާނެތޯ އެވެ.

"ދިވެހިން ރައްކާތެރިކުރަން، އަޅުގަނޑުމެން ވެސް އެ ގައުމުގެ ދަތުރުވެރިން ރާއްޖެއަށް އެތެރެވުން ވަގުތީކޮށް މަނާކުރުން ރަނގަޅެއް ނޫން ހެއްޔެވެ؟ ނޫނީ ޓޫރިޒަމުން އަޅުގަނޑުމެނަށް ލިބޭ ޑޮލަރުކޮޅު އަޅުގަނޑުމެންގެ ފުރާނައަށް ވުރެ މާ މުހިއްމު ހެއްޔެވެ؟،" މުއިއްޒު ލިއުއްވި އެވެ.

"މެލޭޝިއާ އާއި ސްރީލަންކާއަށް ވުރެ މަދީތަ ޗައިނާއިން ރާއްޖެ އަންނަ މީހުން؟ އެގައުމުތަކުން އެ ފިޔަވަޅު އަޅާއިރު ރާއްޖޭން އެ ފިޔަވަޅު ނޭޅުމުގެ މާނައަކީ ކޮބާ؟،" މުހައްމަދު އައިމަން ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ވައިރަސް އަތުވެދާނެތީ ހިޔާލު ފާޅުކުރާ މީހުން ބުނަނީ ރާއްޖޭގެ އިގްތިސާދަށް ވުރެ ދިވެހިންގެ ސިއްހަތު މުހިންމު ކަމަށެވެ. އެހެންކަމުން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ މީހުން ބުނެ އެވެ.

"މި ވަގުތަށް ޗައިނާ ޓޫރިސްޓުން ރާއްޖެ އެތެރެވުން ހުއްޓުވަން ޖެހޭ. ފައިސާއަށް ވުރެ ފުރާނަ މުހިންމު،" ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އެކަކު ލިއުނެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ "ޓުއަރިސްޓް އެރައިވަލް އިންކްރީޒްކޮށް، ޓާގެޓް ޖައްސަން އުޅެނިކޮށް މި ކުޑަ ގައުމު މަދު ދުވަސްކޮޅެއްގެ ތެރޭގައި ނެތިގޮސްދާނެ" ކަމަށެވެ.

ކަންބޮޑުވުން ފާޅުކޮށް އާއްމު މީހަކު ކުރި ޓްވީޓެއް---

ވައިރަސް ކިހާ ނުރައްކާތެރި

ކޮރޯނާވައިރަސްއަކީ އާންމުކޮށް ޖަނަވާރުންގެ ގައިގައި އުޅޭ އެއްޗެކެވެ. ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރައިިގެން ބަލި ޖަައްސާ ކަމަށް މިހާތަނަށް ސައިންސްވެރިންނަށް ކަށަވަރުވެފައި ވަނީ އޭގެ ތެރެއިން އެންމެ ހަ ވައިރަހެވެ. ވޫހާން އިން ފެނުނު ވައިރަސް، އެ ލިސްޓަށް ލައިފި ނަމަ، ޖުމްލަ އަރާނީ ހަތަކަށެވެ.

ކޮރޯނާވައިރަސްގެ ސަބަބުން މި ފަހުން އެންމެ ނުރައްކާވީ 2003 ގައި ފެތުރުނު ސާސް އާއި 2012 ގައި މެދުއިރުމަތިން ފެނުނު މާސް އެވެ. އޭގެ ތެރެއިން ސާސް އުފެދުނީ ބުޅަލެއްގެ ޒަރީއާ އިން، ޗައިނާގަ އެވެ. އެ ފަހަރު ވެސް ޗައިނާ އިން ފުރަތަމަ އެ ބަލި ސިއްރުކުރީ އެވެ. އެކަމަކު އެހެން ގައުމުތަކަށް ފެތުރެން ފެށުމުން ސާސް އުޅޭ ކަމަށް އެއްބަސްވި އެވެ. އެފަހަރު 800 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

މާސް ފެތުރެން ފެށީ ސައުދީ އަރަބިއްޔާގަ އެވެ. އިންސާނުންގެ ގަޔަށް ވައިރަސް އެރީ ޖަމަލުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުން މަރުވި މީހުންގެ އަދަދު އުޅެނީ 500 އަށް ވުރެ މަތީގަ އެވެ.

ވޫހާން ވައިރަސްގެ ސަބަބުން މިހާތަނަށް 106 މީހުން، ޗައިނާގައި މަރުވެއްޖެ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް 4،515 މީހުންނަށް އަރަ އެވެ.

ޑަބްލިއުއެޗްއޯ އިން މި ރޯގާއަކީ ދުނިޔޭގެ ސިއްހީ ކުއްލި ހާލަތެއްގެ ގޮތުގައި އަދި އިއުލާނެއް ނުކުރެ އެވެ. މިހާރު ބަލަމުން އަންނަނީ ޗަައިނާގެ ތެރެއިން ވައިރަސް ފެތުރުން ކޮންޓްރޯލްކުރާށެވެ. އެގޮތުން ވޫހާން އާއި އިތުރު ސިޓީތަކުން ދަތުރުފަތުރު ވަނީ ހުއްޓާލައިފަ އެވެ.