ގަމީހުގެ އަގުގެ މައްސަލާގައި މަހުލޫފު ޖަވާބު ދެއްވައިފި

"މަރުހަބާ 2020"ގެ ނަމުގައި އުރީދޫން ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާ އަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ގަމީހަށް މި ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ގަމީހުގެ އަގާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ގޮތުން މިނިސްޓަރު ވަނީ ކޯފާވެފަ އެވެ.


އިޓަލީގެ އަގުބޮޑު ބްރޭންޑެއް ކަމަށްވާ ޑޮލްޗޭ އެންޑް ގަބާނާގެ ޑިޒައިންގެ އެ ގަމީހުގެ އަގު އުޅެނީ 800 ޑޮލަރު (12336ރ.) އަށް ވުރެ މަތީގައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރި އެވެ. އެކަމަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ ދެކޮޅު ޓިކެޓް ނަގައިގެން، ދުބާއީ އަށް ގޮސް އާ އަހަރުގެ ސޭލުން އެ ގަމީސް ގަތަސް ގަމީހުގެ އަގު 800 ޑޮލަރު ނާރާނެ ކަމަށެވެ.

ނުރުހުން ފާޅުކުރައްވައި މަހުލޫފް ކުރެއްވި ޓްވީޓް--

އެ ހަބަރުތައް ގެނެސްދިން މީޑިއާތަކުން މިނިސްޓަރުގެ ބަހެއް ހޯދާފައިނުވާތީ ވެސް ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފަ އެވެ.

މުށިކުލައިގެ އެ ގަމީސް ޑިޒައިން ކޮށްފައިވަނީ ހެރަލްޑްރީ ޕްރިންޓަކަށެވެ. އެ ޑިޒައިންގެ ގަމީސް ބޭރުގެ ޝޮޕިން ވެބްސައިޓުތަކުގައި ވިކަން ހުރީ 872 ޑޮލަރާއި 995 ޑޮލަރާ ދޭތެރޭ އަގުތަކެއްގަ އެވެ. ނަމަވެސް މިނިސްޓަރު ތުރުކުރައްވައިގެން ހުންނެވީ އޮރިޖިނަލްއެއް ކަމެއް ނުވަތަ ކޮން ފެންވަރެއްގެ ގަމީހެއް ކަމެއް ނޭނގެ އެވެ.

މަހުލޫފް ތުރުކުރައްވައިގެން ހުންނެވި ވައްތަރުގެ ގަމީހެއް ވިއްކަން ވެބްސައިޓެއްގައި- އެ ގަމީހުގެ އަގު އުޅެނީ 896 ޑޮލަރަށް--

ގަމީހުގެ އަގާ ބެހޭ ގޮތުން ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިނިސްޓަރުގެ ބަހެއް ހޯދަން ގުޅުމުން ފޯން ނިއްވާލާފައިވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްސަފުގައި އުޅުއްވި ބޭފުޅުން އަގުބޮޑު ގަހަނާ އާއި ހެދުން ފަދަ ތަކެތި ތުރުކުރައްވާތީ ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރު މަހުލޫފް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު މި ގަމީހުގެ މައްސަލަ އިއްޔެ ސޯޝަލް މީޑިއާގައި ބޮޑުވުމުން އެކި މީހުން ފާޅުކޮށްފައި ވަނީ އެކި ހިޔާލެވެ. ބައެއް މީހުން ބުނެފައި ވަނީ ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިފަދަ އަގު ބޮޑު އެއްޗެހި ބައްލަވައިގަންނަވާ ނަމަ އެއީ އާންމުންނަށް އެނގެން ޖެހޭ ކަމެއް ކަމަށެވެ.