ކުއްޖާގެ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ކާފަ އާއި މުނިކާފަގެ ބަންދަށް އިތުރު 15 ދުވަސް

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.


ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، 62 އަހަރާއި 81 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އެ ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކާފަ އާއި މުނިކާފަ ހައްޔަރުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ރަށުންނެވެ. ބައްޕަ ހައްޔަރުކުރީ ހުޅުމާލޭގައި އުޅެނިކޮށް މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. އެ ތިން މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ކުރިން ދިނެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ކުރިން ބުނިގޮތުގައި އެ ކުޑަކުއްޖާ ރޭޕްކުރިކަމުގެ ބޮޑު ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ކާފައަށް ކަމަށެވެ. ބައްޕައާ ގުޅޭގޮތުން ހުށަހަޅާފައިވަނީ އެ ކުއްޖާ އެހެން މީހަކާ ހަވާލުނުކުރުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.