02/02/2020 ގައި މާލޭގައި އެކަނި 41 ކައިވެނި

މި އަހަރުގެ އެންމެ ރީތި ތާރީހުގެ ގޮތުގައި ފާހަގަކުރާ މިއަދު މާލޭގައި 41 ކައިވެނި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.


ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެވްރެޖް ގޮތެއްގައި އާންމު ދުވަސް ދުވަހު ކުރަނީ 10-15 ކައިވެނި ކަމަށެވެ.

"ފެމިލީ ކޯޓުގައި އާންމު ދުވަސްދުވަހު ކުރާނީ 10-15 ވަރަކަށް ކައިވެނި. މިއަދު 41 ކައިވެނިކުރި. މިއީ ހަމައެކަނި މާލޭގައި ކުރި ކައިވެނީގެ އަދަދު،" އޮފިޝަލް ވިދާޅުވި އެވެ.

ރަށްރަށުގައި ކުރި ކައިވެނިތަކާ އެކު މިއަދު ރާއްޖޭގައި ކުރި ކައިވެނީގެ އަދަދު ވަރަށް ގިނަވާނެ ކަމަށް ބެލެވެ އެވެ. މިއަދުގެ ތާރީހުގެ ރީތިކަމަށްޓަކައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިއަދު ގިނަ ބަޔަކު ކައިވެނިކޮށްފައިވެ އެވެ. ކައިވެނި ނޫނަސް ތާރީހަށްޓަކައި މިއަދު ހާއްސަ އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ.

ފެމިލީ ކޯޓުން މީގެ ކުރިން ނިންމާފައި އޮތީ އަހަރުގެ ބައެއް ދުވަސްތަކުގައި ކައިވެނިކޮށް ނުދޭ ގޮތަށެވެ. އެކަމަކު އެ ނިންމުން މިދިޔަ މަހު ބަދަލުކޮށް މިހާރު ވަނީ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށްދޭން ނިންމައިފަ އެވެ. މިގޮތަށް ނިންމުމުން އަހަރުގެ ރީތި ތާރީހުތަކުގައި ކުރާ ކައިވެނިތަކަށް ވެސް ފުރުސަތު ލިބޭނެ އެވެ.

ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރު މުޅި ރާއްޖޭގައި 5,035 ކައިވެންޏެވެ. ދުނިޔޭގެ ނިސްބަތުން ވެސް ވަރި ގިނަ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭ އިރު މިދިޔަ އަހަރު 3,432 ވަރި ކޮށްފައިވެ އެވެ.