މަޔަކު ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެ ދަރިން ރައްކާތެރި މާހައުލަކަށް

ދެކުނުގެ ރަށެއްގައި، މަންމައަކު އޭނާގެ ފިރިހެން ދަރިއަކަށް ޖިންސީ ގޯނާކުރާ މައްސަލައެއް ފެންމަތިވެ، އެ އާއިލާގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފި އެވެ.


ޖެންޑާ މިނިސްޓްރީން މިއަދު ބުނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާކުރާކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެއާއެކު އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެ ރިޕޯޓު ލިބުމާއެކު އަންހެން މީހާގެ އިތުރު ދެ ދަރިން ވެސް ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑާއިން ބުނެ އެވެ.

ކުޑަކުދިންނާ ގުޅުން ހުރި މައްސަލައަކަށް ވާތީ، އެކަމެއް ހިނގި އަތޮޅަކާއި ރަށެއް ކަމާބެހޭ އިދާރާތްތަކުން ހާމައެއް ނުކުރެ އެވެ. އެ މައްސަލަ އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

ށ. އަތޮޅުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުރި މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފުލުހުން ބަލަމުންދިޔަ ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ގއ. ކަނޑުހުޅުދޫގައި ދެ އަހަރުނުވާ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ބެހުމުގެ މައްސަލަ ފެންމަތިވުމާއެކު، ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތައް ހުށަހަޅާ އަދަދު ވަނީ އިތުރުވެފަ އެވެ.