ރާއްޖެއަށް ވައިރަސް އަޔަ ނުދޭން އެކަށީގެންވާ ފިޔަވަޅުތަކެއް އަންނަނީ އަޅަމުން: ރައީސް

ކޮރޯނާވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ނުދިނުމަށް ވަރަށް ރަނގަޅަށް ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ވައިރަސްއާ ގުޅިގެން ރާއްޖެއިން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައި، ވައިރަސް ފެނިއްޖެ ނަމަ ފަރުވާ ދިނުމަށް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އެގޮތުން ޗައިނާއިން ފުރައިގެން އެއްވެސް މީހަކަށް ރާއްޖެ ނާދެވޭ ގޮތް ހެދުމާއި ޗައިނާ އާއި ރާއްޖެއާ ދެމެދު ފްލައިޓްތައް ވެސް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ވައިރަސްއާ ގުޅޭގޮތުން މަޝްވަރާކޮށް، ރައީސް ވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެއް ކަމަށާއި އެހެންވެ، މިވަގުތު އެންމެ ބޮޑަށް އިސްކަން ދެއްވަނީ ރާއްޖެއަށް އެ ވައިރަސް އައުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ވަރަށް ރަނގަޅަށް ސަރުކާރުން އަޅަމުން އަންނަ ކަމަށާއި ދުނިޔެއިން ބަލި ކޮންޓްރޯލް ކުރެވެންދެން ވެސް ރާއްޖޭގައި އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އަވަށްޓެރި ގައުމުތަކުގައި ވެސް އެ ވައިރަސް ފެތުރެމުންދާތީ އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން ގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. އަދި އެކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދިއުމަށް ވެސް އެދިވަޑައިގަތެވެ.

ވައިރަސްއާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި ސަރުކާރުގެ މުވައްޒަފުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާއި އަމިއްލަ ފަރާތްތަކުން ދޭ ސަމާލުކަން ފާހަގަކުރައްވައި، އެކަމަށް ވެސް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.

ވައިރަސް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވިޔަސް، އެ ވައިރަސްއަށް ޝައްކު ކުރެވޭ ބަޔަކު ކަރަންޓީން ކުރި އެވެ. އެކަމަކު އެ މީހުން އެ ވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. ރާއްޖެ އަންނަ ހުރިހާ މީހުން ސްކްރީން ކުރެވޭނެ އިންތިޒާމް އެއާޕޯޓްތަކުގައި ހަމަޖައްސާފައިވާއިރު، އެ ވައިރަސް ހުރި މީހުން ކަރަންޓީ ކުރެވޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.