ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކާއި އެކަން ސިއްރުކުރި މަންމަ ހައްޔަރުކޮށްފި

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އަދި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރާ ކަން އެނގިހުރެ އެކަން ސިއްރު ކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ވެސް ހައްޔަރު ކޮށްފި އެވެ.


ފުލުހުން ބުނީ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް އެކިފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައެއްގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ 46 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެފަދަ އަމަލެއް އެ ކުއްޖާއާ މެދު ހިނގާކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް އެކަން ސިއްރު ކުރުމާއި އިހުމާލުވުމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި އަދި އެ ކުއްޖާގެ މަންމަ 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އަންހެން މީހާ ހައްޔަރު ކޮށްފައިވާތީ، އޭނާގެ ބެލުމުގެ ދަށުގައި ދެން ތިބި ކުދިން މިހާރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކުރިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް މިހާރު ދަނީ ފެންމަތިވަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން އެކި ރަށްރަށުން ގިނަ ބަޔަކު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.