ޝިދާތާ ވަކިކުރުމަކުން ނުފުދޭ، އެހެން ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅަން ޖެހޭ: އުޝާމް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން ވަކިކުރުމަކުން ނުފުދޭ ކަމަށާއި އަހުމަދު ހިޝާންއާ ގުޅޭގޮތުން ސައްހަ މައުލޫމާތު މަޖިލީހަށް ނުދިން ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މެމްބަރުން، މިނިސްޓަރު ޝިދާތާގެ އިސްތިއުފާ އަށް ގޮވާލެއްވި ހަބަރު ޓްވީޓް ކުރައްވައި އުޝާމް ވިދާޅުވީ ހަމައެކަނި މިނިސްޓަރު ވަކިކުރުމަކުން ނުފުދޭ ކަމަށެވެ. އެ މައްސަލަ މަޖިލީހުގެ ކޮމެޓީން ބެލިއިރު ކޮމެޓީ އަށް ސައްހަ މައުލޫމާތު ނުދިން ފަރާތްތަކުގެ މައްސަލަ ވެސް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ކުރެއްވި ޓްވީޓް--

އުޝާމް އެގޮތަށް ވިދާޅުވި ނަމަވެސް ހިޝާންއާ ގުޅުންހުރި އެފަދަ މައްސަލައެއް މަޖިލީހުން ކުރިން ނުބަލަ އެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައްސަލަތައް ބެލިއިރު ހިޝާންގެ ލަފާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ވަނީ ހޯދައިފަ އެވެ. ހިޝާންގެ އިތުރުން ދައުލަތުގެ ކަމާ ބެހޭ އިދާރާތައް ވެސް އެކޮމެޓީ އަށް ހާޒިރު ކުރި އެވެ. އޭރުވެސް ހިޝާންއާ ގުޅޭ ގޮތުން އެފަދަ ތުހުމަތުތަކެއް ކުރެވޭކަން އެއްވެސް އިދާރާއަކުން މަޖިލީހަކަށް ނާންގަ އެވެ.

މުޖުތަމައު އަށް އެހީވުމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ހޯދާފައިވާ ހިޝާންގެ ސީރިއަސް މައްސަލަތަކެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް ކުރަނީ ބައެއް ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތެވެ.

އޭގެ އިތުރުން އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު ކަމަށް ވެސް ތުހުމަތު ކުރެ އެވެ.