ޓާމިނަލް ޓީއެމްއޭ އަށް ދިނުން ގޯސް، މައްސަލަ ބަލަން ޖެހޭ: އުޝާމް

އެމްއޭސީއެލް އަށް ލިބެން އޮތް ބޮޑު ފައިދާއެއް ގެއްލޭ ގޮތަށް، އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް ޓީއެމްއޭ އަށް ދޭން ސަރުކާރުން ނިންމުމަކީ ގޯހެއް ކަމަށާއި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.


ސީޕްލޭން އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ވާދަވެރި ވިޔަފާރިވެރިންގެ ޝަކުވާތަކަށް ބެލުމެއް ނެތި އަދި އެމްއޭސީއެލް އަށް ލިބެން އޮތް ބޮޑު ފައިދާއެއް ގެއްލޭ ގޮތަށް، އާ ސީޕްލޭނުން ބޮޑު ޖާގައެއް ޓީއެމްއޭ އަށް ދޭން ސަރުކާރުން މިއަދު ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ހެއްދެވި އޮޑިޓްގައި ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް ހިންގަން ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް "މިހާރު" އަށް ވިދާޅުވީ ދައުލަތަށް ފައިދާއެއް ވާން އޮއްވައި އެ ނޫން ގޮތަކަށް ނުވަތަ އެ ފައިދާ އަށް އުނިކަމެއް އަންނާނެ ގޮތަކަށް އަމަލު ކުރުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ހ. ގައި ބުނާ ގޮތުން ކުށެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އޭސީސީން ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓްގައި އެބައޮތް ދައުލަތަށް ގެއްލުންވާނޭ މި ނިންމުމުގެ ސަބަބުން. އެހެން ވީމަ ވަރަށް ސާފު. އެހެން ރިޕޯޓެއް އޮއްވައި މިކަން ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް،" ކަންބޮޑުވުން ފާޅުކުރައްވަމުން އުޝާމް ވިދާޅުވި އެވެ.

ކޮރަޕްޝަން އަމަލެއް ކަމަށް ތުހުމަތުކޮށް އުޝާމް ކުރެއްވި ޓްވީޓް--

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި، ރައްޔިތުންނަށް ވިސްނައިދޭން އުޅެފައި ވަނީ، ޓީއެމްއޭ އިން މިހާރު ވެސް ވަރަށް ކުޑަ އަގެއްގައި އޮޕަރޭޓްކުރަމުން އަންނަ ޓާމިނަލްއާ އެއްވަރުގެ ޖާގައެއް، އެމްއޭސީއެލުން ބޮޑު ހޭދައެއް ކޮށްގެން ހެދި ޓާމިނަލުން ދޭން ނިންމީ، އިންވެސްޓަރުންގެ ހިމާޔަތުގައި ކަމަށެވެ. އެކަމަކު ޓީއެމްއޭ އިން ދިގު މާޒީއެއްގައި ހޯދަމުން އައި ބޮޑު ފައިދާ، ހަމަ އެގޮތަށް ނެގޭ ގޮތަށް، އާ ޓާމިނަލުން ޖާގަ ދެނީ، އެ މަގުސަދުގައި ނޫން ކަމަށް، މިދިއަ ހައެއްކަ މަސް ދުވަހު، އިންޑަސްޓްރީގެ ތަޖުރިބާކަރުން ދިޔައީ ބުނަމުންނެވެ.

ފިނޭންސްގެ ބަޔާނުގައި ބުނެފައި ވަނީ، އާ ޓާމިނަލުން އެވަރުގެ ޖާގައެއް ޓީއެމްއޭ އަށް، ކުރިއަށް އޮތް ދެ އަހަރަށް ދޭން ނިންމީ ވެސް، މިހާރު ވެސް ކުއްޔަށް ދީފައިވާ އަގުގައި ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް

55 މިލިއަން ޑޮލަރު: މަޝްރޫއުގެ އަގު

28،000 އަކަމީޓަރު: ހަތަރު ބުރީގެ އާންމު ޖާގައިގެ ބޮޑުމިން

8،836 އަކަމީޓަރު: އެމްއާރުއޯ ފެސިލިޓީ އަށް

100 އަކަމީޓަރު: ވީވީއައިޕީ ބަޔަށް

ޓީއެމްއޭ އަށް 16،222 އަކަމީޓަރުގެ ޖާގަ ދިނުމުން، ލައުންޖްތައް ހަދަން ބާކީ ދެން އޮންނާނީ 13،422 އަކަމީޓަރެވެ.

އާ ޓާމިނަލުން ވިޔަފާރީގެ އުސޫލުން އެހެން ފަރާތްތަކަށް، ސީދާ އެމްއޭސީއެލުން ޖާގަ ދެން ދޭނީ ޓީއެމްއޭ އާއި މަންޓާ އެއާއަށް ދީފައި ބާކީ އޮންނަ ޖާގަ އެވެ.

ރިސޯޓްތަކަށް ދޫކުރާ ލައުންޖްތަކަކީ ޓާމިނަލުން އެންމެ ބޮޑު އާމްދަނީއެއް ވައްދާ ވިޔަފާރީގެ އެއް ކޮމްޕޯނެންޓެވެ. އެކަމަކު ޓީއެމްއޭ އަތުން ކުޑަ އަގެއްގައި ޖާގަ ލިބެން އޮއްވާ ބޮޑު އަގެއްގައި އެމްއޭސީއެލުން ޖާގަ ކުއްޔަށް ހިފާނީ ދެން ކޮން ރިސޯޓްތަކުންތޯ، ބައެއް ތަޖުރިބާކަރުން މިހާރު ވެސް ސުވާލު އުފައްދަ އެވެ.

އާ ޓާމިނަލްގެ މަސައްކަތް ފެށުމާ އެކު އެމްއޭސީއެލްގެ ބޯޑުން ހަމައެކަނި ޓީއެމްއޭއާ އެކު މަޝްވަރާތައް ކުރިކަން މީޑިއާ އަށް ތިލަވެފައިވެ އެވެ. އެހެންކަމުން އިންސާފުވެރިކަމާ އެކު އާ ޓާމިނަލުން ޖާގަ ދިނުމުގެ މުހިންމުކަމާ މެދު ވާހަކަ ދެއްކި ބައެއް ތަޖުރިބާކާރުން އޭރު ވެސް ބުނަމުން ގެންދިޔައީ، ޓީއެމްއޭ ކޮޅަށް އެމްއޭސީއެލްގެ ބޯޑު ޖެހިފައި އޮތް ކަމަށެވެ.

ޓީއެމްއޭއަކީ މިހާރު ބޭރުގެ ދެ ކުންފުންޏަކުން ކޮންޓްރޯލްކުރާ އެއާލައިނަކަށް ވިޔަސް، އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަން، ޗަމްޕާ ހުސެއިން އަފީފުގެ ބޮޑު ހިއްސާއެއް ކުރިން އޮތް އެއާލައިނެކެވެ. އަދި މިހާރު ވެސް އެމްއޭސީއެލްގެ ބޯޑުގައި އަފީފުގެ ސީދާ ކޮންޓްރޯލް އޮންނަ ވަރަށް، ވިޔަފާރި އާއި އާއިލީ ގޮތުން ގުޅުން އޮތް މެމްބަރުން އެބަ ތިއްބެވި އެވެ.