ކޮރޯނާވައިރަސް: ބުކިން ކެންސަލްކުރި ޓޫރިސްޓުންނަށް އިތުރު ފީއަކާ ނުލައި ފަހުން ރާއްޖެ އާދެވޭނެ

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަސްއާ ގުޅިގެން، އެ ގައުމުން މީހުން ރާއްޖެ އައުން މަނާކުރުމާ އެކު، ބުކިން ކެންސަލް ކުރަން ޖެހުނު ޓޫރިސްޓުންނަށް ފަހުގެ ތާރީޚެއްގައި އާދެެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮރޯނާވައިރަހާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި މަންދޫބު އަލީ ވަހީދު ވިދާޅުވީ، ބުކިން ހެއްދި ތާރީޚުގައި ދަތުރު ނުކުރެވުނު މީހުންނަށް، އިތުރު ފައިސާއެއް ނުދައްކައި، ހަމަ އެ ބުކިންގައި ރާއްޖެ އާދެވޭނެ ގޮތަކަށް ހަމަޖައްސާފައިވާ ކަަމަށެވެެ. އޭނާ ވިދާޅުވީ ފަހުގެ ތާރީޚެއްގައި ދަތުރުކުރެވޭ ގޮތަށް ބުކިންތައް ބަދަލުކުރަމުން އަންނަނީ ޓޫރިޒަމް އިންޑަސްޓްރީ އާއި އެއާލައިންތަކާއި ސަރުކާރުން ގުޅިގެން ކަަމަށެވެ.

"މި ދުވަސްވަރު ރާއްޖޭގައި ބުކިން ހެއްދި ފަރާތްތަކަށް، ފަތުރުވެރިންނަށް އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ހަމަ، ރިސޯޓްތަކުން ވެސް އަދި އެއާލައިންތަކުން، އެ މީހުންނަށް އެ ބުކިން އިން އިތުރަށް ޗާޖެއް ނުކޮށް، އެހެން ޑޭޓަކަށް މޫވް ކުރުމުގެ މަސައްކަތްތައް ވެސް މިދަނީ ކުރަމުން،" ރައީސް އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާ އަަށް ދަތުރުކޮށްފައިވާ އެއްވެސް މީހަަކަށް ރާއްޖެ އަށް ދަތުރު ނުކުރެވޭ ގޮތަށް ނެރުނު ޓްރެވެލް އެޑްވައިޒަރީއާ ގުޅިގެން، ނާދެވި ތިބި މީހުންހެ ތެރޭގައި އެ މުއްދަތު ހަމަވާން އެންމެ ދެތިންް ދުވަހަށް ވެފައިވާ މީހުން ވެސް އެބަ ތިއްބެވެ.

"އަޅުގަނޑުމެންނާ ދިމާވި، މެކްސިކޯއާ ހިސާބުން ހަނީމޫނަށް އަންނަން އައި ކަޕްލްއެއް ހަމަ، ސާކިއުލާއާ ގުޅިގެން، އެ މީހުންނަށް ދެތިން ދުވަސް މި މަދުވަނީ ހަމަ ރާއްޖެ އަށް އެތެރެވާން. އެމީހުން އަޅުގަނޑުމެން ވާނީ ހަމަ އައުޓްބައުންޑް ކޮށްފައި. [ތާރީޚު ހަމަވުމުން އާދެވޭ ގޮތަށް]،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުން ތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި

މެކްސިކޯގެ އެ ދެމަފިރިން ބުކިން ހައްދާފައި އޮތީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން ކަމަށް ވިޔަސް ރާއްޖެއިން މިހާރު ހަމަޖައްސާފައި ވާނީ ރިސޯޓެއްގައި ތިބެވޭ ގޮތަށް ކަަމަށް އަލީ ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ރާއްޖެ އިން ނެރުނު ޓްރެވެލް އެޑްވައިޒަރީ އަށް ފަހު، އެއާލައިންތަކަށް ފޮނުވި ސާކިއުލާގައި އަންގާފައި ވަނީ މިދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ މެއިންލޭންޑަށް ދަތުރުކޮށްފައިވާ އެއްވެސް މީހަކު ރާއްޖެ އަށް ނުގެނައުމަށެވެ.

އަލީ ވިދާޅުވީ، ބުކިން ހަދާފައިވާ ތާރީޚު އަންނަ އިރު، ޗައިނާ އަށް ދަތުރުކުރިތާ 13 ދުވަސް ވެފައި ވިޔަސް، ސާކިއުލާގެ ސަބަބުން، އެފަދަ މީހަކު ވެސް ރާއްޖެ އަށް އެތެރެ ނުވެވޭނެ ކަމަށެެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަސް ފެެތުރޭތީ، ރާއްޖެ އާއި އެހެން ގައުމުތަކުގެ ޓޫރިޒަމަށް ކުރިމަތިވި މައްސަލަތައް ސަރުކާރައި އިންޑަސްޓްރީ ގުޅިގެން ވަރަށް ރަނގަޅަށް ބެލެހެއްޓޭ ކަމަށެވެ.

"އެމީހުން އުމުރު ދުވަހު ރާއްޖެ އަށް އަންނަން އެ ކުރި އުއްމީދު، މުޅިން ވެއްޔާ މޮޑެވިގެން ނުދާނެހެން، އަޅުގަނޑުމެން ވާނީ އެމީހުންނަށް ހޮލިޑޭ އޮފާ ކޮށްދީފައި،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.