ކާޑުގެ އަގު ބޮޑުވުމާ އެކު، ގެދޮރުގެ ކުލި ބޮޑުކުރަން ފަށައިފި

ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭން ނިންމައި، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން ކަމަށް ބުނެ މާލޭގެ ބައެއް ގޭގެ ކުލި އިންތިހާ އަށް ބޮޑުކުރަމުންދާތީ އާއްމުންގެ ކަންބޮޑުވުން އިންތިހާ އަށް ބޮޑުވެއްޖެ އެވެ.


ކުލި ބޮޑުކޮށް ބައެއް ގެތަކުގެ އެގްރީމެންޓް މިހާރު އަންނަނީ އާ ކުރަމުންނެވެ. ކުރިން 10،000ރ. ނެގި ބައެއް އެޕާޓްމެންޓްތަކުގެ އަގަށް 5،000ރ. ބޮޑުކޮށްފައިވާއިރު 9،000ރ. ނެގި ކޮޓަރިތަކުގެ އަގު 12،000ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.

މި މައްސަލާގައި ކަންބޮޑުވުންފާޅުކޮށް "މިހާރާ" ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި އިންތިހާ އަށް ބޮޑު އަގުގައި ކުއްޔަށް ހިފާފައިވާ ތަންތަނުގެ އަގު ބޮޑުކުރަމުން ދަނީ ކާޑާއި ކަރަންޓުގެ އަގު މައްޗަށް ޖެއްސުމުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާ ކަމަށް ބުނެ އެވެ. އެކަމަކު މިއީ، އުފުލޭ ވަރަށް ބުރެ ބޮޑު ތަކުލީފެއް ކަމަށް ބުނެ އެ މީހުން ޝަކުވާ ކުރި އެވެ.

ކާޑުގެ އަގާ ގުޅިގެން ކަމަށް ބުނެ ކުލި ބޮޑުކުރި ދެ ގެއެއްގެ އެގްރީމެންޓް ކޮޕީ ވެސް "މިހާރަ"ށް ލިބިފައިވެ އެވެ.

އޭގެ ތެރެއިން އެކަކު ކުރިން ދިރިއުޅެމުން ދިޔަ އެޕާޓްމެންޓުގެ މަހު ކުއްޔަކީ 10،000ރ. ނަމަވެސް އަންނަ މަހުން ފެށިގެން 15،000 އަށް ވަނީ އަގު ބޮޑުކޮށްފަ އެވެ. އަގުބޮޑުކުރަން ނިންމައި ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ބަދަލަކީ ކާބޯތަކެތީގެ އަގު ބޮޑުވުމުން ގެންނަން ޖެހުނު ބަދަލެއް ކަމަށެވެ.

"ގޭގެ ވެރިފަރާތުން ބުނަނީ ކުލި އަގު ބޮޑުކުރުން ނޫން ގޮތެއް ނެތީއޭ. ކާޑުގެ އަގު ދެ ގުނަ ބޮޑުކުރުމުން ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަމަށް ކުރަން ޖެހޭ ހޭދަ އާއި ކާބޯތަކެތީގެ އަގު ވެސް އިންތިހާ އަށް އުފުލިއްޖެއޭ،" ކުލި އަގުބޮޑުކުރާ މައްސަލާގައި "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި މައްސަލާގައި ވާހަކަ ދެއްކި ފާތުމަތު ލިއުޝާ ބުނީ ކާޑުގެ އަގު ބޮޑުކުރި ކަން ސަރުކާރުން އިއުލާން ކުރި ދުވަހު ކުލި އަގުބޮޑުކުރާނެ ކަން ގޭގެ ވެރިފަރާތުން އަންގާފައިވާ ކަމަށެވެ. ގޭގައި ވަޒީފާއަދާކުރާ ތިން މީހުންގެ މުސާރަ އެއްކޮށް، ގޭ ކުއްޔަށްދީ ދިރިއުޅުމުގެ ހަރަދު ދެކޮޅު ނުޖެހިގެން އުޅެނިކޮށް ގޭގެ ކުލި އަގު ބޮޑުކުރުމުން "މަގުމަތިވެފައިވާ" ކަމަށް އޭނާ ބުންޏެވެ.

"ނުކައި ނުބޮއި ބަނޑަށް ތިބެން ޖެހުނަސް ވެރިފަރާތުން ބުނާ އަދަދަށް ޖެހޭނީ ކުލި ދައްކަން. މާލެ އިން ކުއްޔަށް ތަންކޮޅެއް ހޯދުމަކީ ވެސް މަރުވުން ފަދަ ކަމެއް. ފަސް އަހަރު ވަޒީފާ އަދާކޮށްގެން ވެސް ނުލިބޭހާ ގިނަ އަދަދެއްގެ ފައިސާ އެޑްވާންސްގެ ގޮތުގައި ތަންތަނަށް ނަގަމުން ދަނީ،" ލިއުޝާ ބުންޏެވެ.

ސްކޫލަށް ދާ ކުދިންނާއި ވަޒީފާ އަށް ދާ މީހުން ބައިތިއްބާ ގެތަކުގެ ކުލި ވެސް ދަނީ ބޮޑުކުރަމުންނެވެ. ކުރިން މަހު ކުލީގެ ގޮތުގައި ކުރިން ދައްކަން ޖެހޭ ފައިސާގެ އިތުރަށް ކާޑުގެ އަށް އައި ބަދަލު ތިން ގުނަ ޖައްސައި ފައިސާ ނަގަމުން އެބަދެ އެވެ.

"ބަޔަކު ހިފައިގެން އުޅޭ ތަނަކުން ރޫމެއް ނަގައިގެން އަހަރެމެން ދެތިން ކުއްޖަކު މި އުޅުނީ. އަހަރެމެން ކުރިން ދައްކަން ޖެހެނީ މީހަކަށް 2،500ރ. އެކަމަކު މި މަހުން ފެށިގެން 2،800ރ. ނަގަން ފަށައިފި. ދެން ބުނަނީ ކާޑުގެ އަގު ހެޔޮވެއްޖެ ނަމަ އެބައި އުނިކޮށްދޭނަމޭ،" އޮފީހެއްގައި ވަޒީފާ އަދާކުރަމުން ކިޔަވާ ޒުވާން އަންހެނަކު ބުންޏެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ކުލި ދައްކާފައި ހަރަދުތައް ދެކޮޅު ނުޖެހި ދިރިއުޅެން ޖެހުމުވެ. މި ހާސްކަމުގައި އުޅެނިކޮށް ކާޑުގެ އަގު ބޮޑުކުރުމާ އެކު އެތައް ބަޔަކު ދަނީ މިކަމުގެ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާ މެދު ނުވިސްނައި ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ބުނެ މިކަމާ ދެކޮޅަށް ގިނަ ރަށްތަކެއްގައި ވެސް ދަނީ މުޒާހަރާކުރަމުންނެވެ.

މާލޭ ގެތަކުގެ ކުލި އަގުބޮޑުކުރާ މައްސަލައަކީ ކާޑުގެ އަގުބޮޑު ނުކުރާއިރު ވެސް ސަރުކާރަށް ހައްލު ހޯދިފައިވާ މައްސަލައެއް ނޫނެވެ.

ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު މާލެއިން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މީގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ. ރަށްރަށުގައި ކާޑުގެ ބާވަތްތަކުގެ އަގު މިއަށް ވުރެ ވެސް ބޮޑެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ކާޑުގެ އަގު ބޮޑުކުރީ ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ ލޯނު އެހީ ހޯދުމަށެވެ. ފާޑުކިޔުންތަކުގެ ދިފާއުގައި ސަރުކާރުން މިހެން ބުންޏަސް ގިނަ ބަޔަކު މި ވާހަކަ ގަބޫލެއް ނުކުރެ އެވެ.