ވޫހާން އިން އިންޑިއާ އަށް ގެންދިޔަ ހަތް ދިވެހިން ވެސް ކޮރޯނާވައިރަހަށް ނެގެޓިވް

ޗައިނާގެ ވޫހާން އިން އިންޑިއާ އަށް ގެންގޮސް ކަރަންޓީނު ކުރި ހަތް ދިވެހިންގެ ހަށިގަނޑުގައި ވެސް ނޮވެލް ކޮރޯނާވައިރަސް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގެން އުޅުއްވަމުން ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކަރަންޓީނުކޮށްފައި ތިބި މީހުންގެ ތެރޭގައި ކުޑަކުއްޖެއް ވެސް އެބަހުރި ކަމަށާއި އެކުއްޖާ އާއި އެހެން މީހުންނާ މެދުގައި ވެސް އިންޑިއާ އިން ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އެކުލަވާލާވައިވާ ޓާސްކްފޯހުން ވެސް މިއަދު ބުނީ އެ ހަތް މީހުން ވެސް ވައިރަސް އަށް ނެގެޓިވް ވެފައިވާ ކަމަށާއި ނަަމަވެސް ކުރިން ކަނޑައަޅާފައިވާ ގޮތަށް، 14 ދުވަސް ވަންދެން އެ މީހުން ތިބޭނީ ކަރަންޓީނުކޮށްްފައި ކަމަށެވެ.

ޗައިނާގެ ވޫހާން އިން ފެނުނު ގޮތް ނޭނގޭ ކޮރޯނާވައިރަސް ފެތުރެން ފެށުމުން އެ ތަނުގައި ތިބި ހަތް ދިވެހިން އިންޑިއާ އަށް ގެންދިޔައީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. ވޫހާންގައި ތިބި އިންޑިއާ މީހުންނާ އެކު އެ މީހުން ގެންގޮސް ކަރަންޓީނުކޮށްފައި ތިބީ އިންޑިއާ ސިފައިންގެ މަރުކަޒެއްގައި ހަދާފައިވާ ކަރަންޓީނު ފެސިލިޓީއެއްގަ އެެވެ.

ވައިރަސް ފެތުރެން ފެށި އިރު ވޫހާންގައި ތިބީ ނުވަ ދިވެހިންނެވެ. އެކަމަކު އޭގެ ތެރެއިން ރާއްޖެ އަށް އަންނަން އެދުނީ ހަތް މީހުންނެވެ.

ޗައިނާ އިން އައި ހަތް މީހަކު ރާއްޖޭގައި ވެސް ކަރަންޓީނުކޮށް ޓެސްޓްކުރި އެވެ. އެ ހަތް މީހުންގެ ގައިން ވެސް ވައިރަސް ފެނިފައެއް ނުވެ އެވެ. ޗައިނާ އަށް ދަތުރުކޮށްފައި ވާތީ މިހާރު ވެސް ދެ މީހަކު ރާއްޖޭގައި ކަރަންޓީނުކޮށްފައި އެބަތިއްބެވެ. އެކަމަކު އެ ދެމީހުންގެ ގައިން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ސަރުކާރުން އިއްޔެ ބުންޏެވެ.

ކޮރޯނާ ވައިރަސްގެ ސަބަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 600 އަށް ވުރެ މަތިވެފަ އެވެ. އެ ވައިރަސް އެރި މީހުންގެ އަދަދު 30،000 ފަހަނަޅައި ގޮސްފައި ވާއިރު އަދިވެސް ވައިރަސް ކޮންޓްރޯލްވާ ކަމުގެ ނިޝާނެއް ނުފެނެ އެވެ.