ނުވަ ކިލޯގެ މަސްތުވާތަކެއްޗާއި ތިން މިލިއަން ރުފިޔާ އަތުލައިގެންފި

މާލޭގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ޑްރަގް ނެޓްވޯކެއް ހޯދައި، ނުވަ ކިލޯގެ ޑްރަގސް އާއި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލައިގެންފި އެވެ.


ފުލުހުން މިއަދު ބުނީ މި ތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކާއި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ފުލުހުންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަންގައި ޑްރަގްސް އާއި ފައިސާ އަތުލައިގަތީ މާލޭގެ ހަތަރު ގެއަކާއި ސައިކަލެއް ބަލައި ފާސްކޮށްގެންނެވެ.

ޑްރަގާއި ފައިސާތައް އަތުލައިގަތް އިރު، އެތަކެއްޗާ އެކު 23 އަހަރާއި 37 އަހަރާ ދެމެދުގެ ހަތް ފިރިހެނުންނާއި 50 އަަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.

އަތުލައިގަތް ޑްރަގް ނެޓްވޯކްގެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގައި ކެފޭ އުސޫލުން ޑްރަގް ވިއްކައި ބޭނުންކުރަމުން ދިޔަ ގެތަކެއް މިދިޔަ އަހަރު ފަހުކޮޅު ފުލުހުން ވަނީ ހޯދާފަ އެވެ. އޭރު ހިންގި އޮޕަރޭޝަންތަކުގައި އޭރު 36 މީހަކު ހައްޔަރުކުރި އެވެ. އޭރު ބަލައި ފާސްކުރި ގެތަކަކީ އޭގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ބަލައި ފާސްކޮށްފައިވާ ތަންތަން ކަމަށް ފުލުހުން އޭރު ބުންޏެވެ.