އައްޑު އަށް ސަގާފީ ފަތުރުވެރިކަން މުހިއްމު: ޔުމްނާ

އައްޑު އަކީ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހުރި ތަނަކަށް ވާތީ އައްޑޫގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް، އައްޑޫގައި ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރުން މުހިންމު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.


މަގާމާ ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް އައްޑު އަށް ކުރެއްވި ދަތުރުގައި އުޅުއްވަމުން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑު އަކީ ތަފާތު ބަހުރުވައަކާއި ދިގު ތާރީހަކާއި މުއްސަނދި ސަގާފަތަކާއި ތަރިކަ ލިބިފައިވާ ސިޓީއެއް ކަމަށާއި އެ ތަނުގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރުން މުހިންމު ކަމަށެވެ.

މިނިސްޓަރުގެ އައްޑޫގެ ދަތުރުގައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި ތާރީހީ ތަންތަނަށް ވަޑައިގެން އެތަންތަން ބައްލަވައިލައިވެ އެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ސަގާފީ ތަރިކަ ރައްކާތެރިކޮށް، ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން އައްޑޫގެ މާއްދީ ތަރަކައިގެ ގޮތުގައި ގިނަ ތަންތަން އެބަހުރި ކަމަށާއި އައްޑޫގެ މައުނަވީ ތަރިކައިގެ ގޮތުގައި ހުރި، އައްޑޫ ބަހުރުވަ، ހާއްސަ ކުޅިވަރުތައް، ހާއްސަ އާދަކާދަ، މަސައްކަތްތެރިކަން ހިމެނޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރާ އެކު ބައްދަލުވުމުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ އައްޑޫ ބަހުރުވަ ގެއްލެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ބަހުގެ ސިޔާސަތެއްގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އައްޑޫގެ ތާރީހު ރަސްމީ ސިފައެއްގައި ލިޔެވިފައި ނުވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

އައްޑޫގެ އާސާރީ ތަންތަނާ ބެހޭ ސާވޭއެއް ހެދުމުގެ މަސައްކަތްތަކެއް ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ އިރު، އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ ވަނަވަރާ ބެހޭ ފޮތެއް ލިޔުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.