ހިތަދޫގެ ވިޔަފާރި ގާޑިޔާއެއްގައި ރޯކޮށްލައިފި

އައްޑޫ ހިތަދޫގައި ވިޔަފާރި ގާޑިއަލެއްގައި އަލިފާން ރޯކޮށްލައި، ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެވެ.


ހިތަދޫގައި ކުރިން އެކި ކަހަލަ ޖޫސް ވިއްކަން، ސޯލާ ކަރަންޓް ބޭނުންކޮށްގެން ހިންގަމުން ދިޔަ ގާޑިޔަލުގައި ރޯކޮށްލާފައި ވަނީ ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މިދިޔަ އަހަރުން ފެށިގެން އެ ގާޑިޔާ ހިންގަމުން އަންނަނީ "ޖަޒީރާ ގާޑިޔާ"ގެ ނަމުގައި އެކި ކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމަށެވެ.

އެމްޑީއެފް ސަދަން އޭރިއާ އިން ބުނީ، ހިތަދޫ ލިންކް ރޯޑް ސަރަހައްދުގައި ހިންގާ ގާޑިޔަލެއްގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:45 ކަންހާއިރު ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވައިލެވުނު އިރު، އޭތި އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ހިތަދޫގެ މީހުންގެ މެދުގައި މަޝްހޫރު "ސޯލާ ގާޑިޔާ" ނުވަތަ "ޖަޒީރާ ގާޑިޔާ" ގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައި ވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ގާޑިޔަލުގައި ރޯކޮށްލި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ގާޑިޔަލުގައި ރޯކޮށްލީ އެ ހިންގާ މީހުންނާއި ގްރޫޕެއްގެ ބަޔަކާ ދެމެދު ދާދި ފަހުން މައްސަލަތަކެއް ޖެހި، ކޯޅުންތަކެއް ވެސް ހިނގާފައި ވަނިކޮށެވެ.