އިނގިލީގެ ނިޝާން ޖަހަން ދިން މުއްދަތު ހަމަވުމުން ފައިސާ ދޫކުރާނަން: އިލެކްޝަންސް

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުމަށް ދިން މުއްދަތު ހަމަވުމުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް މި އަހަރު ކަނޑައެޅި ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފި އެވެ.


އެ ކޮމިޝަނުން މިހެން ބުނީ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވާތީ ޝަކުވާކޮށް އެ ކޮމިޝަނަށް ޕާޓީތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ޖަވާބު ދެމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ފޮނުވި ސިޓީގައި ބުނީ އިނގިލީގެ ނިޝާން ޖަހާފައި ނުވާ ފޯމުތަކުގައި އިނގިލީގެ ނިޝާން ހަމަކުރަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދީފައިވާ އެއް މަސް ދުވަހުގެ މުއްދަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެ ކަަމށެވެ. އެ މުއްދަތު ހަމަވުމުން، ފައިސާ ދޫކުރަން އިދާރީ ގޮތުން ނިންމަން ޖެހޭ ކަންތައްތައް ނިންމުމަށް ފަހު ފައިސާ ދޫކުރާނެ އެވެ.

އެ ކޮމިޝަނުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ފައިސާ ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކަމަށް ސިޓީގައިވެ އެވެ.

ޕާޓީތަކަށް ފައިސާ ދިނުން ލަސްވީ އިލެކްޝަނުން ބުނެފައިވާ ގޮތުގައި، މެމްބަޝިޕް ފޯމްތަކުގައި ފިންގަ ޕްރިންޓް ނުޖަހައި ހުރުމުން ފޯމުތަކުގެ ސައްހަކަމާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް ޕާޓީތަކުން މެންބަރުން އުނިކުރުމުގެ އެއްވެސް ކަމެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފައިވާތީ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އަދި މި ފައިސާ ބަހާނީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. މި އަހަރު ދައުލަތުގެ ބަޖެޓް 27 ބިލިއަނަށް އަރާއިރު ޕާޓީތަކަށް ފައިސާ ދޭނީ އެ އަދަދަށް ބަލައިގެންނެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅަން ޖެހޭ ފައިސާގެ އަދަދު މި އަހަރު 27 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެ އެވެ.