ކާޑު އަގުބޮޑުކުރުމުން ބަޔާން ނެރޭތީ ކައުންސިލްތަކަށް ބިރުދައްކައިފި!

ސަރުކާރުން ނިންމާ ނިންމުންތަކަށް ޖަދަލުކޮށް ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ގާނޫނީގޮތުން ލިބޭ ބާރެއް ނޫން ކަމަށް ބުނެ ލޯކަލް ގަވަމެންޓް އޮފް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އިންޒާރުދީފި އެވެ.


އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު އިބްރާހިމް ސޮއިކުރައްވައި ކައުންސިލްތަކަށް އިއްޔެ ސާކިއުލާއެއް ފޮނުއްވީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކާޑަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމުން އެކަމާ ހިތްހަމަނުޖެހިގެން ކައުންސިލްތަކުން ނޫސް ބަޔާން ނެރެމުން ދާތީ އެވެ.

އެ ސާކިއުލާގައި ބުނީ ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގަށް ގެނައި ބަދަލާ ގުުޅިގެން ކައުންސިލްތަކުން ބަހުސްކޮށް އެކަމާ ގުޅިގެން ނޫސްބަޔާން ނެރުމަށް ގޮތްތަކެއް ނިންމަން ކައުންސިލްގެ ބައްދަލުވުންތަކުގައި އެޖެންޑާކުރުމާ މެދު އެލްޖީއޭގެ ލަފައަށް އެދެމުންދާ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާއިި ނިންމުންތަކާ ދެކޮޅު ހެދުމާއި ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާން ނެރުމަކީ ކައުންސިލްތަކަށް ގާނޫނީގޮތުން ބާރު ލިބޭ ކަމެއް ނޫން ކަމަށް ވެސް ސާކިއުލާގައި ބުންޏެވެ.

"ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވަނީ ޔުނިޓަރީ ދައުލަތުގެ ސިފަ ހިފެހެއްޓުމުގެ ބޭނުމަށްޓަކައި އަދި ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލަތަކެއްގެ ގޮތުގައި މަސައްކަތްކުރާ އިދާރާތަކަކަށް ވާއިރު، ދައުލަތުގެ އިގުތިސާދީ ހާލަތަށް ބަލައި ސަރުކާރުން ނިންމަވާ މިފަދަ ނިންމެވުންތަކަށް ޖަދަލުކޮށް ނޫސްބަޔާން ނެރުމަށް ނިންމުމަށް ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާކުރުމަކީ ކައުންސިލަށް ލިބިގެންވާާ ގާނޫނީ ބާރެއް ނޫން ކަމުގައި ދަންނަވަން،" ސާކިއުލާގައި ބުންޏެވެ.

ސާކިއުލާގައި ބުނީ ސަރުކާރުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދައި ބަޔާން ނެރުމަކީ ކުށުގެ ދަރަޖައިގެ ދެ ވަނައިގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކަމަށެވެ. އެކަމަކު އެއީ ކިހާވަރެއްގެ ކުށެއްކަން ބަޔާނުގައި ބުނެފައެއް ނެތެވެ.

ކާޑަށް ދެމުން އައި ސަބްސިޑީ ކަނޑާލުމުން ފިހާރަތަކުން ވަނީ ކާޑުގެ ބާވަތްތައް އަގުބޮޑުކޮށްފަ އެވެ. އެކަމާ ދެކޮޅަށް ކައުންސިލްތަކުން އަންނަނީ ބަޔާންތައް ނެރެމުންނެވެ.