ކޮމަންވެލްތުގެ 40 ގައުމަކުން ދިވެހިިންނަށް އޮން އެރައިވަލް ވިސާ ދެނީ

ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެ އަށް ލިބުމުން އެ ޖަމާއަތުގެ 40 ގައުމަކަށް ވިސާ ނެތި ދިވެހިންނަށް މިހާރު ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ކަންކަމާ ގުޅުވައިގެން ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭތީ އެ ޖަމާއަތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ 2016 ގަ އެވެ. އަދި އަލުން އެ ޖަމާއަތުގެ މެމްބަރުކަން ރާއްޖެއަށް ލިބުނީ މި މަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތުގެ މެމްބަރުކަން ލިބުމާ އެކު، އެ ޖަމާއަތުގެ 40 ގައުމަކަށް ދިވެހިން ދަތުރު ކުރާއިރު ދުރާލާ ވިސާ ހޯދަން ނުޖެހި، އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.

ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ކުރިން ރާއްޖެ އޮތްއިރު ވެސް، އެ ޖަމާއަތުގެ ބައެއް މެމްބަރު ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދިވެހިން އެ ގައުމުތަކަށް ދަތުރު ކުރުމުގައި އޮންއެރައިވަލް ވިސާ ކުރިން ލިބުނެވެ. އެކަމަކު އެ ޖަމާއަތުން ވަކިވުމާ އެކު، އޭގެ ތެރެއިން ގިނަ ގައުމުތަކުން އޮތީ އެ އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލައިފަ އެވެ.

ކޮމަންވެލްތުގެ މެމްބަރުކަން އަލުން ލިބުމާ އެކު، އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގައި ރާއްޖޭގެ އެމްބަސީތަކުގެ ނަން ވެސް ހައި ކޮމިޝަންތަކަށް ވަނީ ބަދަލުވެފަ އެވެ. އަދި އެ ޖަމާއަތުން ދޭ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ދިވެހިންނަށް ވަނީ ހުޅުވާލައިފަ އެވެ.

ކޮމަންވެލްތުގެ ގިނަ ގައުމުތަކަށް އޮންއެރައިވަލް ވިސާ ދިވެހިންނަށް ދޭން ފެށިއިރު، އެ ޖަމާއަތަށް ނިސްބަތް ނުވާ އެހެން ވަރަށް ގިނަ ގައުމުތަކުން މިހާރު ވެސް ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބެ އެވެ.