ކޮރޯނާވައިރަހާ ގުޅޭގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން ކެބިނެޓުގައި މަޝްވަރާކޮށްފި

ކޮރޯނާވައިރަސްއާ ގުޅޭގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ކެބިނެޓުގައި މިއަދު މަޝްވަރާކޮށްފި އެވެ.


އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޗައިނާއިން އަންނަ ޓޫރިސްޓުންނާއި ކަނޑުމަގުން އަންނަ އުޅަނދުފަހަރު ޗެކްކުރުމުގެ މަސައްކަތް ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ ކަމަށެވެ. އެ ވައިރަހާ ގުޅިގެން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، ރައީސް ވިދާޅުވިގޮތުގައި، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ ކޮރޯނާވައިރަހާ ދެކޮޅަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރުން ވާހަކަދެއްކެވި ކަމަށެވެ. އެ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވަމުން ދިއުމާއެކު، އެކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން މެންބަރުން ފާޅުކުރެއްވި އެވެ.

ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ވައިރަހަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރަން މުޅި ރާއްޖެ އަށް އަމާޒުކޮށް ކަމާބެހޭ ދާއިރާތަކުން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ރައީސް އޮޅުންފިލުއްވައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ލަފާ ހޯއްދެވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮރޯނާވައިރަހުގެ އަސަރު 42،729 މީހުންނަށް ޖެހިފައިވާއިރު އެ ބަލީގައި 1013 މީހުން މަރުވެފައި ވެ އެވެ.